ޚަބަރު

ރައީސް އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސްގެ މަޤާމަށް އިބްރާހީމް ހޫދު


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސްގެ މަޤާމަށް، އިބްރާހީމް ހޫދު އައްޔަންކުރައްވައިފިއެވެ.

އިބްރާހިމް ހޫދު މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސްގެ މަޤާމަށް، އިބްރާހީމް ހޫދު އައްޔަންކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.

މި ބަދަލުގެންނެވިކަމުގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުމުގެ ޒިންމާތައް ކުރިއެކޭ އެއްފަދައިން އަދާކުރައްވަމުންދާނީ އިބްރާހީމް ހޫދު ކަމުގައި ވަނީ ހަމަޖައްސަވާފައިކަމަށް ރައީސުލްޖުމްހޫރިއްޔާއެވެ.

އިބްރާހީމް ހޫދަކީ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗަރއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން، އިބްރާހީމް ހޫދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕަރސަންގެ މަޤާމުވެސް ފުރުއްވާފައެވެ.