ރިޕޯޓް

ވަޒީފާގެ މައިދާނުގައި ދެ ޖިންސުގެ ފަރަގު ކުޑަކުރުމަކީ އަމާޒެއް - ރައީސް


ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ތަންފީޒުކުރަން ފެށުމާއެކު ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އަންހެނުންނާއި ފިރިހެނުންގެ ފަރަޤު ކުޑަވެ، ރާއްޖޭގެ ތަރައްޤީގައި ދެޖިންސުގެ ޒުވާނުންގެ ޙިއްޞާ އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

"ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން" އިފްތިތާޙު ކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ މިއަދު އިފްތިތާޙުކުރި ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭނަކީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ވަރަށް މުހިންމު ބައެއްކަމަށެވެ. އަދި މި މާސްޓަރ ޕްލޭނަށް ޢަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދިމާވެފައިވާ ގިނަ ދަތިތަކަކަށް ކޮންމެވެސްވަރެއްގެ ޙައްލެއް ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި މީހުން ބިނާކުރުމުގެ މަސައްކަތަކީ އަބަދުވެސް ކުރާ މަސައްކަތެއްކަމަށާ، ނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ނުވަތަ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް އަމާޒުކޮށްގެން މާސްޓަރ ޕްލޭނެއް އެކުލަވައިލި މިއީ ފުރަތަމަ ފަހަރުކަމަށެވެ. ސަރުކާރުން މި ޕްލޭން އެކުލަވާލާފައިވަނީ ކުރިއަށް އޮތް 5 އަހަރަށް އަމާޒުކޮށްގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ހުރިހާ ދާއިރާތަކާއި، ރާއްޖޭގެ މީހުން ތަމްރީނު ކުރަމުން އަންނަ ދާއިރާތަކާ ދެމެދު އޮތް ހުސްކަން، މި މާސްޓަރ ޕްލޭންގެ އެހީގައި ކުޑަކުރެވިގެންދާނެކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ފަންނީ ވަޒީފާތަކަށް، ތަމްރީނު ލިބިފައިވާ ދިވެހީން ހޯދުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް، މި މާސްޓަރ ޕްލޭންގެ ސަބަބުން ލުއިތަކެއް ލިބިގެންދާނެ. އަދި ފަންނީ ވަޒީފާތަކަށް ގެންނަ ބިދޭސީންގެ ޢަދަދުވެސް ދަށްވެގެންދާނެ. އޭގެ ސަބަބުން، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން މިހާރު ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންވެސްދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މިމާސްޓަރ ޕްލޭން އެކުލަވާލާފައި ވާނީ ކުރު މުއްދަތުގައި ޙާޞިލުކުރާނެ ކަންތައްތަކާއި، ދިގު މުއްދަތުގައި ކުރާނެ ކަންތައްތަކެއް ހިމަނައިގެންކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ މީހުން ބިނާކުރުމުގެ މަސައްކަތް ލާމަރުކަޒުކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ޓިވެޓު ސެންޓަރުތަކެއް ޤާއިމުކުރުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މާސްޓަރ ޕްލޭންގެ ދަށުން މޯލްޑިވްސް ސްކިލްސް ޑިވެލޮޕްމެންޓް ފްރޭމްވަރކް އެކުލަވާލައި ތަންފީޒު ކުރަން ފެށުމުން މިކަމުގެ ހެޔޮ ނަތީޖާ ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް ފެންނަން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީއާގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު މިއިން ކޮންމެ މަޝްރޫޢަކާއެކު އެތައް ބަޔަކަށް ވަޒީފާގެ ފުރުޞަތުތައް ލިބިގެންދާނެކަން ފާހަގަކުރައްވައި މީހުން ބިނާކުރުމަށް ކުރާ މަސައްކަތްތަކަށް މި ޕްލޭނާއެކު އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

"މިއިން ކޮންމެ މަޝްރޫޢެއް ނިމޭއިރު، ރަށްރަށުގައި އުފެދިގެންދާނީ އެތައް ވަޒީފާއެއް. މިއިން ކޮންމެ މަޝްރޫޢަކާއެކު އުފެދޭ މުއައްސަސާތައް ހިންގުމަށްޓަކައި، ކިޔަވައިގެން ތިބި ފަންނީ މީހުން ބޭނުންވާނެ. އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައިވެސް، ހުނަރުވެރި ފަންނީ މީހުން ބޭނުންވާނެ. މިއަދު މި އިފްތިތާޙުކުރި މާސްޓަރ ޕްލޭންގެ މައިގަނޑު އަމާޒަކީ، މިދެންނެވި ވަޒީފާތައް އަދާކުރާނެ ފަންނީ ހުނަރުވެރިން އުފެއްދުން. އޭރުން، ރަށްރަށުގެ ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެންދާނެ. ޚާއްޞަކޮށް، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި، އަންހެނުންނާއި ފިރިހެނުންގެ ފަރަޤު ކުޑަވެ، ރާއްޖޭގެ ތަރައްޤީގައި ދެޖިންސުގެ ޒުވާނުންގެ ޙިއްޞާ ވަރަށް ބޮޑަށް އިތުރުވެގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަންނީ މަސައްކަތްތަކަށް ވަރަށް ހުޝިޔާރު އަދި ވަރަށް ހުނަރުވެރި ދިވެހި ޒުވާނުން، ރާއްޖޭގައި ގިނަ ޢަދަދަކަށް އުޅޭކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ޒުވާނުންނަށް ބޭނުންވަނީ، އެ ޒުވާނުންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން ތަރައްޤީކޮށް ޙަޔާތުގެ ޢަމަލީ މައިދާނުގައި އޭގެ ބޭނުން ހިފޭނެ މަގު ތަނަވަސްކޮށްދިނުންކަމަށާއި، މިއަދު އިފްތިތާޙްކުރެވުނު މި މާސްޓަރ ޕްލޭންގެ ޙަޤީޤީ މަޤްޞަދަކީވެސް އެއީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ފުރުޞަތުތައް، ދެ ޖިންސުގެ ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމުން، އެކަމުގެ ޙަޤީޤީ މަންފާ މުޅި މުޖުތަމަޢުއިން ފެނިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.