ޚަބަރު

" ރާއްޖޭގެ އުފެއްދުމަކަށް ނުވާނަމަ ޑިސްކޮލިފައިކުރެވޭނެ "


އެކްސްޕޯ މޯލްޑިވްސް 2015ގައި
ބައިވެރިކުރާ އެއްވެސް އުފެއްދުމަކީ ދިވެހިރާއްޖޭގައި އުފައްދާފައިވާ އުފެއްދުމެއް
ނޫންކަން ސާބިތުވެއްޖެނަމަ އެ އެއްޗަކަށް ވަނައެއް ލިބުނުނަމަވެސް އެ އުފެއްދުމެއް
ޑިސްކޮލިފައި ކުރާނެކަމަށް މައުރަޒު އޮފީހުން ވިދާޅުވެއްޖެއެވެ.



އެކްސްޕޯ ދެހާސް ފަނަރައިގައި ބައިވެރިކުރާ ކޮންމެ އުފެއްދުމަކީ
ދިވެހިރާއްޖޭގައި އުފައްދާފައިވާ ދިވެހި އުފެއްދުމަކަށްވާންޖެހެއެވެ. މައުރަޒު އޮފީހުން ވިދާޅުވީ، އެކްސްޕޯގައި ބައިވެރިކޮށްފައިވާ އެއްވެސް އުފެއްދުމެއް
އެއީ ރާއްޖޭއިން ބޭރުގައި އުފައްދައިގެން އެތެރެކޮށްފައިވާ އެއްޗެއްކަމަށް
ޝައްކުކުރެވިއްޖެނަމަ ފަނޑިޔާރުން އެކަން ބައްލަވާނެކަމަށެވެ. 



އަދި ފަނޑިޔާރުން
އެކަން ބައްލަވާއިރު އެއެއްޗެއް ރާއްޖޭގައި އުފެއްދިކަމުގެ އެކަށީގެންވާ ހެކި އެ
އެއްޗެއް އުފެއްދި ފަރާތަށް ނުދެއްކިއްޖެނަމަ އެއީ ކިތަންމެ ބުރަމަސައްކަތަކުން
އުފައްދާފައިވާ އެއްޗެއްނަމަވެސް އެއެއްޗެއް ޑިސްކޮލިފައިކުރެވޭނެކަމަށް މައުރަޒު
އޮފީހުން މައުލޫމާތުދެއްވައެވެ. މައުރަޒުން ވަނައެއް ލިބުމަށްފަހުވެސް އެއީ
ރާއްޖޭން ބޭރުގައި އުފައްދައިގެން ރާއްޖެ އެތެރެކޮށްފައިވާ އެއްޗެއްކަން ސާބިތުވެއްޖެނަމަ
ޑިސްކޮލިފައިކުރެވޭނެކަމަށް މައުރަޒު އޮފީހުން ވިދާޅުވެއެވެ. އެކްސްޕޯގައި
ބައިވެރިކުރާ ތަކެތި ބަލައިގަތުމުގެ ފުރުޞަތު ހަމަވެފައިވާއިރު، މައުރަޒު އޮފީހުން މިހާރު ގެންދަވަނީ
އެތަކެތި ޖަޖްކުރުމަށްޓަކާ ކޯޑް ޖެހުމުގެ މަސައްކަތްކުރައްވަމުންނެވެ. 



އެކްސްޕޯގައި ބައިވެރިވުމަށް ދުއިސައްތައަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށްފައިވާއިރު، އެކްސްޕޯ ބޭއްވުމަށް
ހަމަޖެހިފައިވަނީ މިމަހުގެ 22 ން 28 އަށް ދަރުބާރުގޭގައެވެ.