ވިޔަފާރި

ކ.މަނިޔަފުށީގައި މެރިކަލްޗާރއަށް ހާއްސަ ސެންޓަރެއް ޤާއިމްކުރަނީ


މެރިކަލްޗަރ ސިނާޢަތެއް
ޤާއިމްކުރުމުގެ ގޮތުން ކ.މަނިޔަފުށީގައި މެރިކަލްޗަރއަށް ބޭނުންވާ ޢަމަލީ
ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދެވޭ ފަދަ މަރުކަޒެއް ޤާއިމްކުރެއްވުމުގެ
މަސައްކަތްތައް ކުރިއަށް އެބަގެންދަވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް
އެގްރިކަލްޗަރުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަސްވެރިކަން ހަމައެކަނި ކަޅުބިލަމަހަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެ މިނިސްޓްރީ ވިދާޅުވެއެވެ. އަދި މި ދާއިރާގެ އެކި މަރުޙަލާތަކުގައި ޢާންމުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބޭގޮތަށް ރޭވިގެން އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް- އިފާޑްގެ އެހީގައި ފަސް އަހަރުގެ ޕްރޮޖެކްޓެއްވެސް ހިންގަވަމުން ގެންދަވާކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.



މި ޕްރޮޖެކްޓުގެ ދަށުން
އެކުއަރކަލްޗަރ ކުރުމަށް ޝައުޤުވެރިވާ އާންމު ފަރާތްތަކަށް، މިމަސައްކަތް
ފަށައިގަތުމަށް ބޭނުންވާ ޅަ މަސް ފޯރުކޮށްދެވޭނެ މަލްޓި ސްޕީޝީޒް ހެޗަރީއެއްގެ
އިތުރުން ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކުގެ މަސައްކަތުގައި ހަރަކާތްތެރިވާން
އެދޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.



މީގެ އިތުރުން ހުއިފިލަނޑާ
ވިއްސައި ބޮޑެތި ކުރުމުގެ މަސައްކަތް މިއަހަރު ފަށާފައިވާކަމަށާއި ޖަޕާން ސަރުކާރުގެ
އެހީގައި ހުއިފިލަނޑާ ބޮޑެތި ކުރުމަށް އެންމެ އެކަށީގެންވާ ކާނާއާއި ސްޓޮކިންގ
ޑެންސިޓީ ދެނެގަތުމުގެ ތަޙުލީލުތަކެއް އަންނަ އަހަރު ކުރިއަށްގެންދެވޭނެ ކަމަށްވެސް
އެމިނިސްޓްރީން ވިދާޅުވެއެވެ.

މަސްވެރިކަން ތަރައްޤީކޮށް
ދެމެހެއްޓެނެވި ގޮތެއްގައި ރާވާ ހިންގާ ބެލެހެއްޓުމަށްޓަކާ، ކަމާ ގުޅުންހުރި
ދިރާސާތަކެއްވެސް އެމިނިސްޓްރީން ދަނީ ކުރައްވަމުންނެވެ. މިގޮތުން ހިލޭ ސާބަހަށް
މަސައްކަތްކުރާ ބައިނަލް އަޤްވާމީ ޖަމާޢަތްތަކާއި ގުޅިގެން މަސްވެރިކަމަކީ
ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ކުރެވޭ މަސްވެރިކަމުގެ އިތުރު ހެކި ދައްކާ އެ
ވިސްނުން، ރާއްޖެއިން މަސްގަންނަ ފަރާތްތަކުގައި ހަރުލެއްވުމަށް މަސްވެރިކަމުގައި
ބޭނޭ ބައިކެޗްގެ ދިރާސާ ޕްރޮގްރާމެއް މިދިޔަ އަހަރު ފަށާފައިވެއެވެ. އަދި ރާއްޖޭގެ
މަސްވެރިކަމާއި މެދު ބޭރުގެ ފަރާތްތަކުން ދޭ ސަމާލުކަން އިތުރުކޮށް، އިޖުތިމާޢީ ގޮތުން މަސްވެރި މުޖުތަމަޢުތަކަށް ސީދާ އަދި
ނުސީދާ ފައިދާ ލިބެމުންދާ މިންވަރުގެ ދިރާސާވެސް ކުރަމުން އަންނަކަމަށް
އެމިނިސްޓްރީން ވިދާޅުވެއެވެ.



ރާއްޖޭގެ މަސްވެރިކަން ފުޅާވެ، ތަފާތު މަސްވެރިކަން ތަޢާރަފްވަމުން އައުމަކީ ދިރޭ އެމުގެ
މަސްވެރިކަން ފުޅާވެ ދިރޭ އެން ބޭނުންވާ މިންވަރު މަތިވަމުން އަންނަކަމެއްކަމަށް
ފިޝަރީން މިނިސްޓްރީން ވިދާޅުވެއެވެ. މިގޮތުން އެން ދިރުވައި ގިނަ ވަގުތު ވަތުގައި
ބެހެއްޓޭނެ ގޮތް ހެދުމާއި އެން އިސްރާފްކުރެވޭ މިންވަރު މަދުކުރުމަށް ތަފާތު
ޕްރޮގްރާމްތަކެއް މިއަހަރު ފެށިފައިވާކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ.



މިގޮތުން ޖަޕާނު ސަރުކާރުގެ ހިލޭ
އެހީގެ ދަށުން އައްޑު އަތޮޅު ދޯންޏެއްގެ އެންވަށް ބަދަލުކޮށް، ގިނަ ވަގުތު އެން ބެހެއްޓޭތޯ ބެލުމުގެ ދިރާސާ މަސައްކަތް
ފެށިފައިވާކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.



މީގެ އިތުރުން މަސްވެރިކަމުގެ
ތަފާސް ހިސާބު ހަރުދަނާކުރުމަށް މަސްވެރިންނާއި ގުޅިގެން އިތުރު މަސައްކަތްތަކެއް
މިނިސްޓްރީން ފާއިތުވި އަހަރު ވަނީ ކުރިއަށް ގެންގޮސްފައެވެ. ފަރުމަސްވެރިކަމުގެ
ތަފާސް ހިސާބު ހަރުދަނާ ކުރުމަށް ރިސޯޓްތަކުންނާއި މަސްވެރިންގެ ފަރާތުން
މަޢުލޫމާތު ހޯދުމަށް ޖަޕާންގެ ހިލޭ އެހީގެ ދަށުން މަޝްރޫޢުއެއް އެކުލަވާލައި މި
އަހަރުގެ އޮގަސްޓްމަހު އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވާކަމަށްވެސް
އެމިނިސްޓްރީން ވިދާޅުވެއެވެ.



އަދި އެމެރިކާގެ ހިލޭ އެހީގެ
ދަށުން އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންސަރވޭޝަން އޮފް ނޭޗަރ މެދުވެރިކޮށް
މޯބައިލް ފޯނުން ތަފާސް ހިސާބު ފޮނުވޭނެ އެޕްލިކޭޝަނެއް ތައްޔާރުކުުރުމުގެ
މަސައްކަތްވެސް މިއަހަރުގެ ތެރޭ ފެށިފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.