ރާއްޖޭގެ 3 ފްލައިޓް
އޮޕަރޭޓަރުންނާއި ގުޅިގެން މާލެ ސަރަޙައްދުގައި އޭވިއޭޝަން ހަރަކާތްތަކެއް ބޭއްވުމަށް
ހަމަޖެހިފައިވާކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކުރައްވައިފިއެވެ.
ސިވިލް އޭވިއޭޝަން
އޮތޯރިޓީން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާއި
ގުޅިގެން ރޭވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން އަންނަ ހުކުރު ދުވަހުގެ
ހަވީރު މާލެ ސަރަޙައްދުގައި އާއިލާތަކަށް އޭވިއޭޝަނާއި ބެހޭ ރީތި މަންޒަރެއް
ދެއްކުމަށް ހަމަޖެހިފައިވާކަމަށެވެ.
މިޙަރަކާތުގައި ރާއްޖޭގެ 3 އޮޕަރޭޓަރުންކަމަށްވާ
އައިލެންޑް އޭވިއޭޝަނާއި، ޓީއެމްއޭ، އަދި ވިލާ އެއަރ އިން ބައިވެރިވުމަށް ވަނީ
ހަމަޖެހިފައެވެ.
މީގެ އިތުރަށް
މިދުވަހާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ މިއަދު ޚިތާބެއް
ދެއްވުމާއި، އެއަރޕޯޓްތަކުގައި އޭވިއޭޝަން ދާއިރާ އާއި ގުޅޭގޮތުން ސްކޫލް
ކުދިންނަށް މަޢުލޫމާތު ދިނުމާއި، ދަތުރުވެރިންނަށް މީޓް އެންޑް ގްރިޓް ހަރަކާތާއި،
ރާއްޖޭގެ ހުރިހާ އެއަރޕޯޓްތަކެއްގައި ދުވަހާއި ގުޅޭ ބެނާއެއް ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް
އެއޮތޯރިޓީން ވިދާޅުވިއެވެ. އަދި ދުވަހާއި ގުޅޭގޮތުން ދަރުބާރުގޭގައި އޭވިއޭޝަން ނައިޓްއެއް މިރޭ
ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.
މި ހަފްލާގައި
ޓުއަރިޒަމް މިނިސްޓާރގެ އިތުރުން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ
ވަޒީރުންނާއި އޭވިއޭޝަން ދާއިރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ
ހަމަޖެހިފައެވެ. މި ހަފްލާގައި އޭވިއޭޝަން ދާއިރާ ފެށިގެން އައި ގޮތާއި، ލިބިފައިވާ
ކުރިއެރުމާއި މުސްތަޤްބަލުގެ ތަސައްވުރާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް
ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރަށްވެސް ބައިނަލްއަޤުވާމީ
މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާއި ގުޅޭ އިތުރު ހަރަކާތްތައް މުޅި އަހަރު
ދުވަހަށް ބަހާލައިގެން ކުރިއަށްގެންދެވޭނެކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން
ވިދާޅުވެއެވެ.
މިއަހަރުންފެށިގެން 2018 ވަނަ އަހަރަށް މަދަނީ
ވައިގެ ދަތުރު ފަތުރުގެ ބައިނަލް ޝިޢާރު ކަމުގައި އިންޓަނޭޝަނަލް ސިވިލް
އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯ އިން ކަނޑައަޅާފައިވަނީ "އެއްވެސް
ގައުމެއް ބާކީ ވިޔަ ނުދިނުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުން" މިޝިޢާރުއެވެ.