ޚަބަރު

ލިފްޓުތަކުގެ މަސައްކަތް ނިންމައި ހިޔާ ފްލެޓަށް ކަރަންޓު ދޭން ފަށައިފި


ލިފްޓުތަކުގެ މަސައްކަތް ނިމިފައިވާތީ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް އަލުން ފަށާފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މެދުކަނޑާލީ، މަސައްކަތް ނިމިފައިނުވާ ލިފްޓެއް ބޭނުންކުރުމުގެ ތެރޭގައި ލިފްޓުގައި ބަޔަކު ތާށިވުމާގުޅިގެން ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ އެންގުމަކަށެވެ.

ލިފްޓުތަކުގައި ނުނިމިހުރި މަސައްކަތްތައް މިހާރު އެޗްޑީސީންވަނީ ނިންމާފައެވެ. އަދި ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް އަލުން ފެށުމުގެ ހުއްދަވަނީ ދީފައެވެ. ލިފްޓު ހުއްޓި މީހުން ތާށިވީ ހިޔާ ޓާވަރުގެ އެޗް-3 އާއި އެޗް-4އަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށްދަނިކޮށެވެ. ސްޓެލްކޯއިން ވިދާޅުވީ މައްސަލަ ޙައްލުވެ މިހާރު އަނެއްކާވެސް، ކުރިއެކޭ އެއް އުސޫލުން ފްލެޓްތަކަށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފަވާކަމަށެވެ.

އެގޮތުން ކުރިންވެސް ހަމަޖެހިފަވާގޮތަށް ފްލެޓް ލިބުނު މީހުންނަށް، އެސް.އެން.އެސް މެދުވެރިކޮށް، ހާޒިރުވާންޖެހޭ ގަޑި އަންގަމުންދާނެކަމަށެވެ. އެސްއެމްއެސް ލިބުމުން އެ ފަރާތަކަށް ޚާއްސަކޮށްފަވާ ގަޑިއަށް، ސްޓެލްކޯއިން ދީފަވާ ސްލިޕާއެކު ފްލެޓަށް އައުމަށްވަނީ އެދިފައެވެ.

ފްލެޓްތަކުގެ އެތެރޭގަ ނުނިމި ހުރި މަސައްކަތްތައް ފެށޭނީ، ލިފްޓްތަކުގެ މަސައްކަތް ނިންމުމަށްފަހު ފްލެޓްތަކަށް ކަރަންޓު ގުޅުމުގެ މަސައްކަތް ނިމުމުންނެވެ.

ލިފްޓްތަކުގެ މަސައްކަތް ނިމެންދެން، ލިފްޓް ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫންކަން އެޗްޑީސީން މިހާރުވަނީ އަންގާފައެވެ. ހުރިހާ ޓަވަރެއްގެ ލިފްޓްތަކެއްގެ މަސައްކަތް ނިމޭނެކަމަށް އެޗްޑީސީން ތާވަލްކޮށްފަވަނީ މިމަހުގެ 30ވަނަ ދުވަހަށެވެ. މަސައްކަތް ކުރިއަށްގެންދަނީ ފަހަރަކު 2 ޓަވަރަށް ބަހާލައިގެންނެވެ. ލިފްޓްގެ މަސައްކަތަށްފަހު ކަރަންޓުގެ މަސައްކަތް ނިމުމުން، އެތެރޭގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފްލެޓަށް ވަދެވޭނެއެވެ.

ދާއިމީ ކަރަންޓު މިހާތަނަށް، 8ޓަވަރަށްވަނީ ފޯރުކޮށްދީފައެވެ. އެއީ އެޗް-3، އެޗް-4، އެޗް-7، އެޗް-8، އެޗް-11، އެޗް-12، އެޗް-15 އަދި އެޗް-16އެވެ. ނަމަވެސް މި ތަންތަނަށް ވަދެވޭނީ ލިފްޓްތަކުގެ މަސައްކަތް ނިމުމުންނެވެ.

ހިޔާ ހައުސިން ޔުނިޓްތަކުގެ އެގްރިމެންޓް ހަދާ، މިހާރުވަނީ ތަޅުދަނޑިވެސް ހަވާލުކޮށްފައެވެ. ޔުނިޓްތަކުގަ ނުނިމުހުރި ފިނިޝިން މަސައްކަތްތައް ކުރިއަށްގެންދެވޭނެ މުއްދަތު ސަރުކާރުންވަނީ މިއަހަރުގެ ނިޔަލަށް އިތުރުކޮށްފައެވެ.