ޚަބަރު

ދިއްދޫ މަގުހެދުމުގެ މަސައްކަތް ޖަނަވަރީ މަހު ފަށަނީ


ހއ.ދިއްދޫ މަގު ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ތަކެތި އެރަށަށް ގެންގޮސްފިއެވެ. ދިއްދޫ މަގު ހެދުމުގެ ޢަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން، އެމް.އާރު.ޑީ.ސީން ކުރިއަށްގެންދާ ދިއްދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ސާދަ މަގެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގު ހެދުމަށް ހަމަޖެހިފައިވެއެވެ. އެމް.އާރު.ޑީ.ސީން މި މަސައްކަތް ވަނީ ސަބް ކޮންޓްރެކްޓް އުޞޫލުން ލަންކާގެ ސީރާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ. ދިއްދޫ މަގު ހެދުމުގެ ޢަމަލީ މަސައްކަތްތައް ޖެނުއަރީ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އެމް.އާރު.ޑީ.ސީން ވަނީ ބުނެފައެވެ. މަސައްކަތަށް ބޭނުންވާ ތަކެތީގެ ތެރެއިން ދިޔާ ތާރާއި، ހިލަވެލި އަދި މަސައްކަތަށް ބޭނުންވާ ބައެއް ވެހިކަލްތައް މިހާރު ހުރީ ދިއްދޫގައެވެ. ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝިނާން ވިދާޅުވީ މި މަހު ފަހުކޮޅު އިތުރު ވެހިކަލްތައް ގެނެސް، ޢަމަލީ މަސައްކަތް ފެށޭވަރު ވާނެ ކަމަށެވެ.  "ދިއްދުއަކީވެސް ޢުމުރާނީގޮތުން އަންނަމުންދާ ތަރައްޤީއާއެކު، ގިނަ ޢަދަދަކަށް އެއްގަމު އުޅަނދު ދުއްވާ ރަށެއް. އަތޮޅުގެ ވެރިކަން ކުރާ ރަށަށްވުމުން މަގުތައް ޒަމާނީ ފެންވަރަށް ހެދިގެންދިއުމަކީ ރަށުގެ ގިނަ ބަޔަކު އެދޭ ކަމެއް." ޝިނާން ވިދާޅުވިއެވެ.ދިއްދޫގައި ވިހި އަހަރުވަންދެން ޕިކަޕް ދުއްވަމުންދާ އެރަށު މުންނާރުދޮށުގެ ޢަލީ މުސާ މަޢުލޫމާތުދިން ގޮތުގައި  ދިއްދޫގެ މަގުތަކަކީ މިހާރުން މިހާރަށްވެސް ހަދަންޖެހިފައިވާ މަގުތަކެކެވެ.  ވިއްސާރަ މޫސުމުގައި ދިމާވި ބައެއް ހާދިސާތައްވެސް ޢަލީ މޫސާ ޙިއްސާކުރިއެވެ. " ވާރޭ ވެހުނީމަ ވަރަށް ބޮޑަށް މިރަށުގައި ފެންބޮޑުވާނެ. ބޮޑެތި އަޑި ގަނޑު ގަނޑު ހުންނާނެ. އަލަމާރިފަދަ އެއްޗެހި އަރުވައިގެން ދުއްވާފަދަނިކޮށް އެބަހުރި ފެންކޯރު ތެެރެއަށް ވެއްޓިފަވެސް. " ޢަލީ މޫސާ ވިދާޅުވިއެވެ. ދިއްދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ކުރިއަށްދާނީ ކާނުތައް ހެދުމުގެ މަސައްކަތެވެ. އެއަށްފަހު އެންމެ ފުރަތަމަ ތާރު އެޅުމަށް ހަމަޖެހިފައިވަނީ ރަށުގެ މައި މަގުތަކުގައެވެ.