ޚަބަރު

މާލޭގެ ވައި ވަރަށް ބޮޑަށް ވަނީ ނުސާފުވެފައި: ނައީމް

މާލެ ސަރަޙައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވެފައިވާކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދުގައި ވައި ވަރަށްބޮޑަށް ތަޢައްޔަރުވެފައިވާއިރު ވައި ނުސާފުވުމުގެ ސަބަބުން އެކި ކަހަލަ ބަލިތައް ޖެހުމަށްވެސް މަގުފަހިވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ މާލޭގެ ޖައްވުގައި ވައިނުސާފުވެ ކުނޑިތައް ރައްކާތެރި މިންވަރަށްވުރެ ގިނަވެފައިވާކަމަށެވެ. މާލޭގެ ވައި ނުސާފުވާން މެދުވެރިވަނީ ހަމައެކަނި ތިލަފުށިން އަންދާ ކުނިން އަރާ ދުމުގެ ސަބަބުން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ވައި ނުސާފުވާން މެދުވެރިވާ އިތުރު ސަބަބުތަކަކީ ތަރައްޤީއާއި މިނޫނަސް އިމާރާތްކުރުމުގެ ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމާއި ދުން އަރާ ގިނަ ވެހިކަލްތަކުގެ ސަބަބުންކަމަށް ނައީމް ވިދާޅުވިއެވެ. ނައީމް ވިދާޅުވީ މާލޭގެ ވައި ނުސާފުވާ ވަރު ބެލުމަށާއި މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި އެއަރ ޕޮލިއުޝަން މޮނިޓަރ ކުރެވޭނެ އިތުރު ޑިވައިސްތައް ހަރުކުރަން ޖެހޭކަމަށާއި ދުން އަރާ ވެހިކަލްތައްވެސް މަދު ކުރަން ޖެހޭކަމަށެވެ.

"އަޅުގަނޑުމެން ބަލާއިރުގައި ޕާޓިކުލަރ މެޓަރ މިހުންނަނީ ރައްކާތެރި މިންވަރަށްވުރެ ތަންކޮޅެއް ގިނައިން. ލަފާކުރެވޭ ގޮތުގައި މިކަން މި ދިމާވަނީ ތަށިމުށި ޖެހުމާއި، ސިމެންތި ޖެހުމާއި، ޕުޓީ އެޅުންފަދަ ކޮންސްޓްރަކްްޝަން މަސައްކަތުން. ދުން އެރުމާއި މަގުމަތިން އަރާ ހިރަފުހުގެ ސަބަބުން ނޭވާލާ ނިޒާމްގައި ޕީ.އެމް މިހުރީ މަތީގައި." އީޕީއޭގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ތަޢައްޔަރުވެފައިވާއިރު އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މާލޭގެ ވައި ނުސާފުވެ ތަޣައްޔަރު ވެފައިވާ މިންވަރު ބެލުމަށްޓަކައި އެމްބިއަންޓް އެއާރ ކޮލިޓީ މޮނިޓަރިން ސްޓޭޝަން ގާއިމުކުރަން ނިންމާފައެވެ.

މާލޭގެ ވައި ނުސާފުވެ ތަޣައްޔަރުވެފައިވާ މިންވަރު ބެލުމަށްޓަކައި އެމްބިއަންޓް އެއާރ ކޮލިޓީ މޮނިޓަރިން ސްޓޭޝަން ގާއިމުކުރަން ނިންމާފައިވާއިރު މާލޭގައި ދުއްވާ ވެހިކަލްތައް ވަރަށް ބޮޑަށް ގިނަވެ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. މީގެ އިތުރުން ބައެއް ކަހަލަ އިންޑަސްޓްރިއަލް މަސައްކަތްތައްވެސް ހިނގަމުންދާތީ ބައެއް މީހުން ކަންބޮޑުވުންވެސް އަންނަނީ ފާޅުކުރަމުންނެވެ.

ސަރުކާރުން ވަނީ 2019 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ވައި ތަޣައްޔަރުކުރާ މާއްދާތަކާއި ގުޅޭ ނެޝަނަލް އެކްޝަން ޕްލޭނެއް ލޯންޗުކޮށްފައެވެ. މި ޕްލޭންގައި ވަނީ ވައި ތަޣައްޔަރުކުރާ މާއްދާތައް ނުވަތަ ޕޮލޫޓަންޓްތައް ވަކިވަކިން ތަފްސީލު ކުރުމަށް ކަނޑައަޅާފައެވެ. މިގޮތުން ރާއްޖޭގައި ވައި ތަޣައްޔަރު ކުރާ މާއްދާތައް ބޭރުކުރާ ސެކްޓަރުތަކާއި، ކޮންމެ ސެކްޓަރއަކުން ވަކި ވަކި މާއްދާތައް ބޭރުވާ މިންވަރު ބެލުމަށްވެސް ވަނީ ނިންމާފައެވެ. އަދި މި މާއްދާތައް މަދުކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މި މާއްދާތައް ރާއްޖެއިން ޖައްވަށް ބޭރުކުރެވޭ މިންވަރު މަދުވެގެންދާނެ ވަރު 2030 އަހަރާ ހަމައަށް އަންދާޒާ ކުރުމަށް ކަނޑައަޅާފައިވެއެވެ.

2019 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ ވައި ނުސާފުވުން ނުވަތަ އެއަރ ޕޮލިއުޝަން ހުއްޓުވުމަށްޓަކައި އެކަށީގެންވާ ދެމެހެއްޓެނިވި ފިޔަވަޅުތަކެއް ރާއްޖެއިން އަޅާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ތަރައްޤީ އާއި އިންޑަސްޓްރިއަލައިޒޭޝަނާއެކު ޖައްވުގެ ވެއްޓަށް ނެރެމުންދާ ކެމިކަލް ވިހަ މާއްދާތަކާއެކު މީގެ ޒަމާންތަކެއް ކުރިން ވައި ތަޣައްޔަރުވެފައިނުވާ މިންވަރަށް ވެށީގެ ވައި ވަނީ ތަޣައްޔަރުވެފައެވެ. ވައިގެ މި ނުސާފުކަމާއި ތަޣައްޔަރުކަމާއެކު އިންސާނުންނަށް ވަނީ އެތަކެއް ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައެވެ.