މުނިފޫހިފިލުވުން

"ގަނަޕަތް" އަންނަ އަހަރުގެ ފަހުކޮޅަށް


ބޮޑު ބަޖެޓަކުން ހަދާ އެކްޝަން ތްރިލަރ ފިލްމު "ގަނަޕަތް" ރިލީޒްކުރާނެ ތާރީހު އިއުލާންކޮށް ފިލްމުގެ މޯޝަން ޕޯސްޓަރެއް ދައްކާލައިފިއެވެ. ޕޫޖާ އެންޓަރޓެއިންމަންޓް އާއި ގުޑް ކޯ ގުޅިގެން އުފައްދާ މި ފިލްމު ސްކްރީންތަކަށް އަންނަނީ އަންނަ އަހަރުގެ ކްރިސްމަހާއި ދިމާކޮށް ޑިސެމްބަރު 23 ގައެވެ. މި ފިލްމުގެ ދެ ބައެއް އުފައްދަން ވަނީ ނިންމާފައެވެ.

ފިލްމު ރިލީޒްކުރާ ތާރީޚް އިޢުލާނު ކުރުމާއިއެކު ފިލްމުގެ ލީޑްތަރި ޓައިގަރ ބުނީ މިފިލްމަކީ އެކްޝަންގެ ގޮތުން ބަލާއިރު އޭނާއަށް އެންމެ ގޮންޖެހުން ބޮޑު އެއް ފިލްމުކަމަށެވެ.

"ސުޕަރ 30" ، "ޝާންދާރް" އަދި "ބޮމްބޭ ވެލްވެޓް" ފަދަ ރީތި ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ވިކާސް ބާލް ޑައިރެކްޓްކުރާ މިފިލްމުގެ ލީޑް ރޯލުން ޓައިގަރ އާއި އެކު ފެންނާނީ ކްރިތީ ސެނޮންއެވެ. ފިލްމު ޕްރޮޑިއުސް ކުރަނީ ވާޝޫ ބަގްނާނީން، ވިކާސް ބާލް، ދީޕްޝިކާ ދޭޝްމުކް އަދި ޖެކީ ބައްގާނީއެވެ.

އެކްޝަން ފިލްމުތައް ކުޅުމަށް މަޝްހޫރު ޓައިގަރ ފުރަތަމަ ފެނިގެން ދިޔައީ 2012 ވަނަ އަހަރު ދެއްކި ފިލްމު "ހީރޯޕަންޓީ" އިންނެވެ. 2016 ވަނަ އަހަރު ފިލްމު "ބާގީ" އިން ފެނުނު މި ތަރި ބޮޑަށް މަޝްހޫރުވެފައިވަނީވެސް މި ފިލްމުންނެވެ. އެއަށްފަހު "ބާގީ 2 " އަދި 3 ން ވެސް ޓައިގަރ ވަނީ ފެނިގެން ގޮސްފައެވެ. ރިތިކް ރޯޝަނާއެކު ޓައިގަރ ކުޅުނު ފިލްމު "ވޯ" ގައި އެނާ ވަނީ ބޮޑެތި ތަރިންނަށޤ ދޫނުކުރާނެކަން ޔަގީންކޮށް ދީފައެވެ.