ޚަބަރު

ޢުމްރާއަށް ގެންދިއުމުގެ ހުއްދަ 13 ކުންފުންޏަކަށް ދެއްވައިފި


ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމުގެ ހުއްދަ މިހާތަނަށް 13 ކުންފުންޏަކަށް ދޫކުރައްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. މިހުއްދަ ދޫކުރެއްވީ މިދިޔަ މަހުގެ ބާރަވަނަ ދުވަހު ގެޒެޓް ކުރެވުނު ރާއްޖެއިން ޢުމުރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ ދަށުން ކަމަށް އެމިންސްޓަރީން ވިދާޅުވެއެވެ. ޢުމުރާއަށް ގެންދާ ފަރާތްތަކަށް ހުއްދަ ދޫކުރައްވަމުންދަނީ އެކަމަށް ޝައުގުވެރިވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަގަޅު ޕްރޮޕޯސަލްތައް ހުށައަޅަމުންދާ ކުންފުނިތަކަށް ކަމަށް ޢުމުރާއަށް މީހުން ގެންދިއުމުގެ އުޞޫލުގައި ކަނޑައަޅުއްވާފައިވެއެވެ. ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ ޢަލީ ޝަރީފް ވިދާޅުވީ ޕްރޮޕޯސަލްތައް އިވޭލުއޭޓް ކުރެއްވެމުންދާ މިންވަރުން  ހުއްދަ ދޫކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިހާތަނަށް ހުއްދަ ދޫކުރައްވާފައިވާ 13 ކުންފުންޏަށް، ޢުމުރާއަށް ދާން މިހާރުއްސުރެން ފައިސާ ދެއްކޭނެކަމަށްވެސް ޢަލީ ޝަރީފް ވިދާޅުވިއެވެ.  ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލައްވާފައެވެ. އަލަށް އެކުލަވާލެއްވި ޢުމުރާއަށް މީހުން ގެންދިއުމުގެ އުޞޫލުގެ ދަށުން ހުއްދަ ލިބޭ ކުންފުނިތަކަށް ބޭންކް ގެރެންޓީއެއް ބަހައްޓާކަށް ނުޖެހެއެވެ. ނަމަވެސް އުސޫލާއި ޚިލާފްވެއްޖެ ނަމަ ހުއްދަ ބާތިލް ކުރުމުގެ އިޙްތިޔާރު އިސްލާމިކް މިނިސްޓްރީއަށް ލިބިދީފައިވެއެވެ.