ޚަބަރު

ވެކްސިންގެ ފުރަތަމަ ޑޯޒް %50އަށްވުރެ ގިނަ ދަރިވަރުން ޖަހައިފި


ކޯވިޑުން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް 50 އިންސައްތައަށް ވުރެ ގިނަ ދަރިވަރުން ޖަހައިފިއެވެ.
ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ކޯވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އުމުރުން 12 އަހަރުން މަތީގެ ކުޑަކުދިންނަށް ޖަހަމުން އަންނަނީ ފައިޒަރ ވެކްސިންއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގެ، ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންގެ ތެރެއިން، 20،239 ދަރިވަރަކު މިހާތަނަށް ކޯވިޑުން ދިފާޢުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށެވެ. ސްކޫލްތަކުގައި އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންގެ ތެރެއިން ވެކްސިން ޖެހޭނެ، ގާތްގަޑަކަށް 40000 ދަރިވަރުން ތިބިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީން ވިދާޅުވީ ވެކްސިން ޖަހަން ޖެހޭ އާބާދީގެ 50 އިންސައްތަ މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށެވެ. އަދި މިއީ ރާއްޖޭގެ ދަރިވަރުންގެ ރައްކާތެރި ކަމަށް ކުރެވެމުންދާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް މިިނިސްޓްރީން ވިދާޅުވެއެވެ.

ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް ސްކޫލްތަކުން ބެލެނިވެރިންނާއި ދަރިވަރުންނަށް އަންގަމުންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިމަހުގެ ނިޔަލަށް ހުރިހާ ދަރިވަރުންނަށް ވެކްސިން ޖަހާ ނިންމާލުމަކީ އަމާޒެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ވެކްސިން ޖަހަން ދާ މަރުކަޒުތަކުގައި ދަރިވަރުން ކިއޫގައި ޖެހެން ނުޖެހޭނެއެވެ. އެމިނިސްޓްރީން ވިދާޅުވީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާލެ ސަރަޙައްދާއި އަތޮޅުތަކުގައިވެސް ވެކްސިން ސެންޓަރުތަކުގައި ޑޮކްޓަރުން ތިއްބަވާނެކަމަށެވެ. އަދި ވެކްސިން ޖެހުމަށް ދަރިވަރުންދާއިރު، ރަނގަޅަށް ކައިގެން ދިއުމަށް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

ކޯވިޑް-19އާ ގުޅިގެން ފާއިތުވެދިޔަ ދޮޅު އަހަރުދުވަހުގެ ތެރޭގައި ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މިމަހުގެ 10ވަނަ ދުވަހު އަލުން ސްކޫލްތައް ހުޅުވައި ކިޔަވައިދޭން ފަށާފައިވަނީވެސް ސްކޫލްތައް ހިންގަމުންދަނީ ކުރިއަށްވުރެ ވަރުގަދަ ފިޔަވަޅުތަކާއެކުގައެވެ. ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ އިތުރަށް މިނިސްޓްރީން ނިންމާފައިވަނީ އަންނަ މަހުން ފެށިގެން ވެކްސިން ނުޖަހާ ފަރާތްތަކަށް ސްކޫލްތަކަށް ނުވަދެވޭގޮތަށެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128600 ޑޯޒް ފައިޒަރ ވެކްސިން މިމަހުގެ 9 ވަނަ ދުވަހު ވަނީ ރާއްޖެގެނެސްފައެވެ. ފައިޒަރ ވެކްސިނަކީ ޢުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއްކަމުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުން ހިމެނޭހެން ޖުމްލަ 5 ގްރޫޕެއްގެ ބަޔަކަށް މި ވެކްސިން ޖެހުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމަވާފައެވެ.