ޚަބަރު

ކޯވިޑް ބަލީގައި ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު މެންދުރު 11:20 ހާއިރު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއީ ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 223 ވަނަ މީހާއެވެ. މީގެ ތެރޭގައި ހިމެނެނީ 204 ދިވެހިންނާއި 19 ބިދޭސީންނެވެ.

ކޯވިޑް ބަލީގައި އެންމެފަހު ރާއްޖެއިން މީހަކު ނިޔާވެފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

ކޯވިޑް ބަލި ރާއްޖޭގައި ހަލުއި ކަމާއެކު ފެތުރެން ފެށުމާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކޯވިޑް ފެތުރޭ މިންވަރުވަނީ ކޮންޓްރޯލް ކުރެވިފައެވެ. އެޗްޕީއޭއިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިހާތަނަށް 79864 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 77953 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.