ކުޅިވަރު

އިންޓަރއިން އާސީޒަން ކާމިޔާބީއަކާއެކު ފަށައިފި


އިޓާލިއަން ސެރީއާގައި އެންމެފަހުގެ ޗެމްޕިއަން އިންޓަރ މިލާނާއި ޖެނޯއާ ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު ކާމިޔާބުކޮށް އިންޓަރއިން އާސިޒަން ކާމިޔާބީއަކާއެކު ފަށައިފިއެވެ. އިންޓަރގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4 ލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓަރއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 6 ވަނަ މިނެޓްގައި ޖަހައިދިނީ މިސީޒަންގައި އޭސީ މިލާނުން އިންޓަރ އަށް ބަދަލުވި ހަކާން ޗަލްހަނޮގްލޫ ތަނަވަސް ކޮށްފިން ފުރުސަތެއްގައި މިލާން ސްކްރިނިއަރއެވެ. މިމެޗްގައި އިންޓަރގެ ދެވަނަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ޖަހައިދިނީ ޗަލްހަނޮގްލޫއެވެ. އަދި ތިންވަނަ ލަނޑު 74 ވަނަ މިނެޓްގައި އަރޓޫރޯ ވިޑާލް ކާމިޔާބުކޮށްދިންއިރު ފަހު ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހައިދިނީ މިސީޒަންގައި އޭއެސް ރޯމާއިން އިންޓަރއަށް ބަދަލުވި ތަޖްރިބާކާރު ފޯވަޑް އެޑިން ޒެކޯއެވެ.

މިދިޔަ ސީޒަންގައި އިންޓައަށް ތަށި އުފުލާލަދިން ކޯޗް އެންޓޯނިއޯ ކޮންޓޭ ޓީމް ދޫކޮށް ގޮސްފައިވާއިރު މުހިންމު ކުޅުންތެރިންތަކެއް ވެސް ވަނީ ޓީމް ދޫކޮށް ގޮސްފައެވެ. މިގޮތުން ރޮމެލޫ ލުކާކޫ އާއި އަޝްރަފް ހަކީމީ ފާހަގަކޮށްލެވެއެވެ. ނަމަވެސް މިކުޅުންތެރިން ނެތް ނަމަވެސް ޓީމާއި އަލަށް ގުޅުނު ކުޅުންތެރިންނާއި އެކު އިންޓަރ ފެނިގެން ގޮސްފައިވަނީ ވަރުގަދަކޮށެވެ.