ވިޔަފާރި

ފަންގި ވިނުން: ރަނގަޅު އާމްދަނީއެއް ހޯދިދާނެ


ފަންގި ވިނުމަކީވެސް ރަނގަޅު އާމްދަނީއެއް ހޯދިދާނެ މަސައްކަތެކެވެ. އެހެން ނަމަވެސް އެ މަސައްކަތް ކުރުމުގައިވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހެއެވެ. ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކުރަމުން އައި މަސައްކަތެއް ކަމަށްވާ ފަންގިވިނުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް ރަށަށް މިއަދު މާލެ އަތޮޅު ކާށިދޫ ވެފައިވެއެވެ.އެރަށުގައި ފަންގި ވިނުމުގެ މަސައްކަތް އެންމެ ގިނަ ދުވަސް ވަންދެން ކުރަމުން އަންނަ އެއް ފަރާތް ކަމަށްވާ، ރަހީމާ އަބްދުއްރަހީމް ފާހަގަ ކުރި ގޮތުގައި މި މަސައްކަތަކީވެސް ރަނގަޅަށް ކޮށްފިނަމަ ނަފާ ހޯދޭނެ މަސައްކަތެކެވެ. އެގޮތުން މަހެއްގެ މައްޗަށް ފަސްހާސް ރުފިޔާ އާއި، ދިހަހާސް ރުފިޔާ އާދެމެދުގެ އާމްދަނީއެއް ލިބޭކަމަށާއި، މިހާރުވެސް ވަރަށް ގިނަ އޯޑަރުތަކެއް ލިބިފައިހުރިކަން ރަޙީމާ ފާހަގަކުރިއެވެ. އެހެން ނަމަވެސް ފަންލިބޭލެއް މަދުކަމަށް ރަހީމާ ބުންޏެވެ. 2006 ވަނަ އަހަރު ދެމަފިރިން ފެށި މަސައްކަތް މުޅި ރަށަށް ފުޅާވެގެން ގޮސްފައިވާއިރު، މިހާރު ފަން ބޮނޑިއެއްގެ އަގު، އުޅެނީ، 65 ރުފިޔާއަށެވެ. އެންމެ ފުރަތަމަ ފަން ބޮޑިއެއް 20 ރުފިޔާއަށް ވިއްކި ނަމަވެސް ރޯނުގެ އަގު އުފުލުމުން ފަން ބޮނޑީގެ އަގުވެސް އުފުލިގެން ދިޔަކަން ދެމަފިރިންވެސް ފާހަގަކުރިއެވެ. ރަށުގެ ކުދިބޮޑު ހުރިހާ އެންމެންވެސް އެ މަސައްކަތްކުރާކަން ފާހަގަ ކުރަމުން ފަންގިވިނުމުގެ މަސައްކަތް ކުރާ ގޮތް ރަހީމާ ކިޔައިދިނެވެ. ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ޤައުމުގެ އިޤްތިސާދަށް ބޮޑެތި ކުރިއެރުން ތަކެއް  އައިސްފައިވާއިރު، ކާށިދޫގައި، ފަންގިވިނުމުގެ މަސައްކަތްކުރާ މީހުންވެސް އާއުސްމިންތަކަކަށް ދަތުރުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މިއަދު ރާއްޖޭގެ އިޤްތިސާދަށް އެންމެ ފައިދާކުރާ އެއް ސިނާޢަތް ކަމަށްވާ، ފަތުރުވެރި ކަމުގެ ސިނާޢަތުގެ ތެރެއަށް ފަންގިވިނުމުގެ ބޮޅެއްވެސް އިތުރުވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.