ޚަބަރު

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާއެއްގެ އަޑުއެހުން މާދަމާ


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.

މާދަމާ 9:00އަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާ މި އަޑުއެހުމަކީ ރައީސް ޔާމީން ދަޢުވާއަށް ޖަވާބުދާރީވުމަށް ބާއްވާ އަޑުއެހުމެކެވެ.

މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގައެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ.ކުރިކީލަހިޔާ އަހްމަދު ކްރިކް ރިޒާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

މި މައްސަލާގައި މިމަހުގެ ފުރަތަމަ ދުވަހު ބޭއްވި އަޑު އެހުމުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ 86 ހެއްކެއް ހުށައަޅާފައެވެ. އެގޮތުން ހުށަހަޅާ ހެކީންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުހައްމަދާއި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މަޢުރޫފް ހިމެނިވަޑައިގަންނަވައެވެ.

ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުގެ ތެރޭގައި ބެންކް ސްޓޭޓްމެންޓްތަކާއި، އޭރު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީއާ ދެމެދު ކުރެވުނު މުއާމަލާތްތައްވެސް ހިމެނެއެވެ. މާދަމާގެ އަޑުއެހުމުގައި މިކަންކަމާމެދު ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ.