ކުޅިވަރު

މެޗުން މޮޅުވުމަށް ފުރަތަމަ 30 މިނެޓް ބެންގަލޫރު ހިފަހައްޓާލަން ޖެހޭ - އޮސްކާ


ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ އަކީ ތަފާތު ކުޅުންތެރިއެއްކަމަށާއި މެޗްގެ ފުރަތަމަ 30 މިނެޓްގައި ބެންގަލޫރު ހިފަހައްޓާލެވިއްޖެކަމުގައިވާނަމަ، މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑުކަމަށް ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްގެ ކޯޗް އޮސްކާ ބުރުޒޮން ބުނެފިއެވެ. ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް، ގުރޫޕް ޑީގައި މާދަމާ ހަވީރު އިންޑިޔާގެ ބެންގަލޫރު އެފްސީ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންސް ވާދަކުރާއިރު، ގުރޫޕްގެ ފުރަތަމަ މެޗްގައި ބެންގަލޫރުވަނީ އޭޓީކޭ މޯހަން ބަގާން އަތުން ބަލިވެފައެވެ. އަދި ބަޝުންދުރާ ވަނީ ރާއްޖޭގެ މާޒިޔާގެ މައްޗަށް ކުރި ހޯދާފައެވެ. އެހެންކަމުން ގުރޫޕްގައި ކުރިއަށް ދިއުމަށް މިއީ ބެންގަލޫރު އެފްސީއަށް މޮޅުވުން މަޖުބޫރު މެޗެކެވެ.

މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބަޝުންދުރާގެ ކޯޗް ބުނީ މިއީ ވަރަށް ވާދަވެރި މެޗްއަކަށްވާނެކަމަށާއި ބެންގަލޫރަށް މޮޅުވުން މަޖުބޫރު މެޗްއަކަށްވުމުން މެޗްގެ ފޯރި ވެސް ގަދަވާނެކަމަށެވެ. މި ގުރޫޕްގެ ކޮންމެ ޓީމަކީ ވެސް ތަފާތު ގޮތަކަށް ކުޅޭ ތަފާތު ޓީމެއްކަމަށާއި ބަޝުންދުރާއިން ކޮންމެ ޓީމަކާއި ދެކޮޅަށް ވެސް ނިކުންނާނީ އިހުތިރާމާއެކުކަމަށް ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ކޯޗް އޮސްކާ ބުރުޒޮން ބުންޏެވެ. މިމެޗްގެ ފުރަތަމަ 30 މިނެޓް ވާނީ މެޗްގެ އެންމެ ފޯރި އަދި އެންމެ ވާދަވެރި ވަގުތުކޮޅަށްކަމާއި މެޗްގެ ފުރަތަމަ 30 މިނެޓްގެ ތެރޭގައި ބެންގަލޫރު ހިފަހައްޓާލެވިއްޖެނަމަ، ބަޝުންދުރާއަށް މެޗް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކަމަށް ވެސް އޮސްކާ ބުންޏެވެ.

ރާއްޖޭގައި މެޗު ކުޅުމާބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އޮސްކާ ބުނީ ގުރޫޕްގައި ބަޝުންދުރާއިން ކޮންމެ މެޗެއްވެސް ހަވީރު ކުޅޭންޖެހޭކަން އެނގުމާއެކު ބަންގްލަދޭޝް ޓީމުންވެސް ފަރިތަކުރުންތައް ކުރިއަށްގެންދިޔައީ ހަވީރު ގަޑީގައިކަމަށާއި ރާއްޖެއާއި ބަންގްލަދޭޝްގެ މޫސުން އެއްގޮތްވުމުން، މިއީ ބަޝުންދުރާއަށް ދިމާވި އުދަގުލަކަށް ވުރެއް ބޮޑަށް ކުރި ފައިދާއެއްކަމަށް ވެސް އޮސްކާ ބުންޏެވެ.

"މިވަގުތު ބެންގަލޫރު ޓީމަށް ބަލާއިރު، އެޓީމު ދަނީ ޓީމެއް ބިނާ ކުރަމުން. އިންޑިއަން ސުޕަރ ލީގުގައި ބެންގަލޫރަށް މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވޭ. މިއީ ހަގީގަތަކީ. ނަމަވެސް ބެންގަލޫރު ޓީމަކީ ދެރަ ޓީމެއް ނޫން. އާކޯޗުގެ، ކޯޗުކަމުގެ ދަށުން އެޓީމު ދަނީ ކުރިއެރުންތަކެއް ހޯދަމުން. އެޓީމާބެހޭ ގޮތުން މާބޮޑު ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން. ޓީމުގެ ކެޕްޓަން އާއި ކުރިއަށް ކުޅޭ އެހެން ކުޅުންތެރިންނަކީ ވަރަށް ވަރުގަދަ ކުޅުންތެރިން. ޓީމުގެ ފަހަތަށް ކުޅޭ ކުޅުންތެރިންވެސް މޮޅު، ނަމަވެސް ބެންގަލޫރު ޓީމުގެ މެދުތެރެ އެހާ ވަރުގަދައެއް ނޫން. މެދުތެރެއިން އެއް ވަރެއްގައި ކުޅޭތަނެއް ނުފެނޭ. ބޯޅަ ގެއްލުމާއެކު ބެންގަލޫރަށް އިދިކޮޅު ޓީމު ހުއްޓުވަން އުދަގޫތަކެއް އެބަހުރިކަން ފާހަގަކޮށްލެވޭ. މީގެ ފައިދާ ނަގައިގެން މޯހަން ބަގާނުން ބެންގަލޫރުގެ މައްޗަށް ކުރި ހޯދީ" ބަޝުންދުރާގެ ކޯޗް އޮސްކާ ބުންޏެވެ.

ބެންގަލޫރު އެފްސީގެ ކެޕްޓަން ސުނިލް ޗެތުރީއަކީ ވަރަށް ނުރައްކާތެރި ކުޅުންތެރިއެއްކަމަށާއި ނަމަވެސް އެންމެ ފަހު ދެ ސީޒަންގައި އޭނާއަށް އެހާ ރަނގަޅަށް ނުކުޅެވޭކަމަށް އޮސްކާ ބުންޏެވެ. އަދި މެޗްގައި ބަޝުންދުރާއިން ޗެތުރީއަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށްވެސް އޮސްކާ ބުންޏެވެ. ޕެނަލްޓީ އޭރިޔާގެ ތެރޭގައި ޗެތުރީއަކީ ވަރަށް ނުރައްކާތެރި ކުޅުންތެރިއެކެވެ. އަދި ނިންމުންތައް ވެސް ވަރަށް ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ޗެތުރީ ފެނިގެންދެއެވެ. މާދާމާގެ މެޗުން 3 ޕޮއިންޓް ނޫން އެހެންގޮތެއް ނެތުމާއެކު ސުނިލް ޗެތުރީގެ ފަރާތުން މާދަމާ ތަފާތު ކުޅުމެއް ފެންނާނެކަމަށް ގަބޫލް ކުރާކަމަށާއި ބަޝުންދުރާއިން ޗެތުރީގެ އިތުރުން ބެންގަލޫރު މުޅި ޓީމަށް ވެސް ސަމާލުކަން ދޭނެކަމަށް އޮސްކާ ބުންޏެވެ.