ދީން

4 ސަރަހައްދަކަށް، 4 ދީނީ ޢިލްމުވެރިން ދާއިމީކޮށް ފޮނުއްވަނީ


ދީނީ ރޫޙް އާލާކުރެއްވުމަށްޓަކައި އަންނަ އަހަރުން ފެށިގެން ރާއްޖޭގެ 4 ސަރަޙައްދެއްގައި ދީނީ ޢިލްމުވެރިން ދާއިމީކޮށް ބައިތިއްބަވަން ސަރުކާރުން ފަށްޓަވާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ބޭއްވި ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރު ވަނީ ދިވެހި އިސްލާމީ ޝަހްސިއްޔަތު ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.މިނިސްޓަރ ޒިޔާދު ވިދާޅުވީ، ދީނީ ރޫޙް އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ރާއްޖޭގެ ހަތަރު ދީނީ ޢިލްމުވެރިއަކު ތަމްރީން ކުރައްވަމުން އަންނަކަމަށެވެ. މިކަމަކީ ރައީސް ޢަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ މަތިން ކުރައްވަމުން އަންނަ ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ޒިޔާދު ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި އެ ހަތަރު ދީނީ ޢިލްމުވެރިން ދީނީ ފަތުވާ ދިނުމަށްޓަކައި ދާއިމީކޮށް ބައިތިއްބަވާނެކަމަށެވެ.މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތްތައް މިނިސްޓްރީގެ ދަށް ބަދަލުވުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ފެންވަރު ރަނގަޅުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ޑިޕްލޮމާ އަދި ޑިގްރީ ފެންވަރަށް ކިޔަވައިދުމުގެ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެކަމަށެވެ. މީގެ އިތުރުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިނިސްޓްރީން ފަށްޓަވާފައިވާ "ދަ މެސެޖް" ޕްރޮގްރާމްގެ ދަށުން މިމަހު ރާއްޖެ އަންނަ 2 ދީނީ ޢިލްމުވެރިން މާލޭގެ އިތުރުން އުތުރުގެ ހއ. ނުވަތަ ހދ.ގައިވެސް ތަޤްރީރް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.މިނިސްޓަރގެ ވާހަކަފުޅުގައި އިސްޅާމީ ޝަޙްސިއްޔަތު ހަރުދަނާކުރެއްވުމަށް ރާއްޖޭގެ ޒުވާނުންގެ ހިތްތަކުގައި އިސްލާމީ އުޞޫލާއި އަޙްލާގް ދަސްކޮށްދެއްވުމަށް އިސްލާމިކް ޔުނިވަރސިޓީން ކުރައްވާ މަސައްކަތް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އިސްލާމިކް ޔުނިވަރސިޓީއަކީ ރާއްޖޭގެ އިސްލާމީ މިމްބަރު ރަމްޒުކޮށްދޭ ތަނަކަށް ހެއްދެވުންކަމަށެވެ.މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިގްތިޞާދު، ވެއްޓިފައިވާ ވަޅުގަނޑުން ނަގައި ކުރިއަރުވަން ވަރަށް އުނދަގޫވާނެކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ބުނަމުން އައި ނަމަވެސް އެކަން ރައީސް ޢަބްދުﷲ ޔާމީން ބަދަލުކުރައްވާފައިވާކަމަށެެވެ. އަދި  ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އަންނަކަން ބައިނަލްއަޤްވާމީ އިދާރާތަކުން މިހާރު ފާހަގުކުރާކަމަށްވެސް މިނިސްޓަރ  ސައީދު ވިދާޅުވިއެވެ.މިނިސްޓަރ ސައީދު ވިދާޅުވީ، ރާއްޖޭގައި ތިރީހާ ގާތްކުރާ ޢަދަދަކަށް ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް މިވަގުތުވެސް ހިނގަމުންދާކަމަށެވެ. އެ ރިސޯޓްތަކާ އެކު ޓޫރިޒަމް އެހެން މަރުހަލާއަކަށް ގެންދިއުމަށް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން ފަށްޓަވާފައިވާކަން އިކޮނޮމިކް މިނިސްޓަރ މުޙާއްމަދު ސައީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.