ޚަބަރު

ކެމިސްޓްރީން ރަންވަނަ ހޯދި ރަޔާނަށް ފުލުހުންގެ ލެބު ބަލާލުމުގެ ފުރުޞަތު


އައިޖީއެސްސީ އިމްތިހާނުން ކެމިސްޓްރީން އޭ ސްޓަރ ހާސިލްކުރި ޢުމުރުން 10 އަހަރުގެ ރަޔާން ޢަބްދުލްވާހިދަށް ފުލުހުންގެ ފޮރެންސިކް ލެބްގައި މަސައްކަތް ކޮށްލުމުގެ ފުރުސަތު ދީފިއެވެ.

ރަޔާން އަކީ ހުޅުމާލޭ ހުރަވީ ސްކޫލުގައި ގްރޭޑް 5ގައި ކިޔަވުމުން އަންނަ ދަރިވަރެކެވެ. ކެމިސްޓްރީއަށް ޝައުގުވެރިކަމެއް އޮންނަ ރަޔާންއަށް ފުލުހުންގެ ލެބަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ވަރަށް ޚާއްސަ ކަމެކެވެ. ފޮތްތަކުން ދަސްކުރަމުން ދިޔަ ކަންކަން ބަލައި، ތަޖުރިބާކޮށްލުމުގެ ފުރުސަތު މިޒިޔާރަތުގައި އޭނާއަށް ލިބުނެވެ.

އޯލެވެލް އިމްތިހާނުގައި ބައިވެރިވެ ރަޔާން ހޯދި ކާމިޔާބު ފާހަގަކޮށް ފުލުހުންވަނީ ފުލުހުންގެ ފޮރެންސިކް ލެބު ބަލާލައި އެތަނުގައި މަސައްކަތް ކުރާ މީހުންނާއެކު ވަގުތުކޮޅަކު މަސައްކަތްކުރުމަށް އޭނާއަށް ފުރުސަތު ދީފައެވެ. މިގޮތުން އެ ލެބުގައި އޭނާ ވަނީ ބައެއް ތަހުލީލުތައްކޮށް ތަހުލީލުތައް ކުރާ ގޮތް ބަލާލާފައެވެ. ފުލުހުން ވަނީ ރަޔާން ހޯދި ކާމިޔާބު ފާހަގަކޮށް މަރުޙަބާއާއި އިތުރުކާމިޔާބީއަށް އެދިފައެވެ.

އޯޓިޒަމް ހުންނަ ރަޔާންގެ ހިތުގައި ކެމިސްޓްރީއަށް އޮންނަ ލޯބީގެ ފެށުމަކީ އޭނާގެ މަންމައެވެ. ރަޔާންގެ މަންމައަކީ ކެމިސްޓްރީ ޓީޗަރެކެވެ. އޭނާ މިމާއްދާ ކިޔަވައިދޭތާ 11 އަހަރު ވެއްޖެއެވެ. މަންމަ ކިޔަވައިދޭން ގެންގުޅޭ ފޮތްތަކަށް ރަޔާންގެ ޝައުގުވެރިކަން އުފެދި އަމިއްލައަށް ފޮތް ކިޔަން ފެށިއެވެ. އަދި އޭނާ ގެންދިޔައީ އިންޓަނެޓުންވެސް އެދާއިރާއާ ގުޅޭ މަޢުލޫމާތުތައް ހޯދައި ބަަލަމުންނެވެ.

ރަޔާންގެ މަންމަ ޔުމްނާ ރަޝީދު ވިދާޅުވީ ރަޔާންއަކީ ފެށުނީއްސުރެވެސް ސައިންސްގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ކުއްޖެއްކަމަށެވެ. އަދި ކެމިސްޓްރީ ކިޔަވަން ޝައުގުވެރިވާ ކުއްޖަކަށް ވުމުން 2017ވަނަ އަހަރުގެ ސްކޫލް ޗުއްޓީގައި ގްރޭޑް 8ގެ ޓެކްސްޓް ފޮތުން ދެ ތިން ޓޮޕިކެއް ކިޔަވައިދިންކަމަށެވެ. ނަމަވެސް އޭރު އިމްތިހާނެއްގައި ބައިވެރިކުރުވުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ލޮކްޑައުންގައި އަޖުމަ ބެލުމުގެ ގޮތުން ޕާސްޓް ޕޭޕާއަކުން ޓެސްޓެއް ދިންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެހިސާބުން އޯލެވޭލްގައި ބައިވެރިކުރުމަށް ނިންމިކަމަށާ، ބައިވެރިކުރީ ކޮންމެހެން މަތިން ނަތީޖާ ހޯދާކަށްވެސް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.