ކުޅިވަރު

މީއީ އަޝްފާގުގެ ފަހު މުބާރާތަށް ވާން ބޭނުމެއް ނޫން - ސުޒޭން


ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްގާފް (ދަގަނޑޭ)ގެ އެންމެ ފަހު ސާފް ޗެންޕިއަންޝިޕް މިމުބާރާތް ވާން ބޭނުން ނުވާކަމަށް ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ. ރައްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ސާފް މުބާރާތުގައި ކުޅެފައިވާ އަދި ރާއްޖެއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އުމުރުން 35 އަހަރުގެ ދަގަނޑޭއަށް މިއީ އެންމެ ފަހުގެ ސާފް ޗެންޕިއަންޝިޕަށް ވެސް ވެދާނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމު ވަނީ އިޝާރާތެއް ކޮށްފައެވެ. އަދި މިމުބާރާތަށް ރަނގަޅަށް ފިޓްވުމަށް ވެސް އަޝްފާގުގެ ކިބައިން އެދިފައިވާކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެންމެ ތަޖްރިބާކާރު އަދި މިފަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމް ގޮވައިގެން ނިކުންނަ ކޯޗް ޢަލީ ސުޒޭންބުނީ މިއީ އަޝްފާގުގެ އެންމެ ފަހުގެ ސާފް ޗެންޕިއަންޝިޕް މުބާރާތަށް ވާން ބޭނުންނުވާކަމަށާއި އަދި އަޝްފާގަށް ގައުމީ ޓީމަށް ކުޅެވޭ ވަރުވާނަމަ، އެއީ ރާއްޖޭގެ އެންމެ ނުރައްކާތެރި ފޮވާޑްކަމަށް ސުޒޭން ބުންޏެވެ. ސުޒޭން ބުނީ އަޝްފާގްގެ ފަހު ފެނިލުމަށް ވުރެއް ގައުމީ ޓީމަށް ވީހާވެސް ގިނަ މެޗް ކުޅޭތަން ފެނުމަކީ ރާއްޖޭގެ އެންމެވެސް އެދޭނެގޮތްކަމަށާއި އެގޮތުން އޭނާވެސް ވެސް ބޭނުންވަނީ އެގޮތްކަމަށެވެ. އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ވާދަކުރި މެޗަށް ތައްޔާރުވުމަށް އަޝްފާގް ދިޔައީ އީގަލްސް ޓީމާއެކު ފަރިތަކުރަމުންނެވެ. ނަމަވެސް ބަލިވުމުގެ ސަބަބުން އެމެޗްގައި އޭނާއަށް ކުޅެވޭ ގޮތެއް ނުވިއެވެ.

2008ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިއިރުގައި އަޝްފާގު ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި 2018ވަނަ އަހަރު ދެވަނަ ފަހަރަށް ރާއްޖެއިން ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރިއިރު، އޭރުގެ ކޯޗް ޕީޓަރ ސެގާޓް ޢަލީ އަޝްފާގަށް ޓީމުން ފުރުސަތު ދީފައެއް ނުވެއެވެ. ގައުމީ ޓީމުގެ ކޯޗް ޢަލީ ސުޒޭން ބުނީ މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާއިރު، އެންމެގެވެސް އުއްމީދަކީ ރާއްޖެއިން މުބާރާތުގެ ތަށި ކާމިޔާބުކުރުންކަމަށާއި ރާއްޖޭގެ އެންމެ ގިނަ ސަޕޯޓަރުން، އެއް ކުޅުންތެރިއަކަށް ސަޕޯޓް ކުރާނަމަ އެކުޅުންތެރިއަކީ އަޝްފާގްކަމަށް ވެސް ސުޒޭން ބުންޏެވެ.

"އަޝްފާގް އަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް. މިހެން ބުނަން މިޖެހެނީ މިފަހަކަށް އައިސް ހުދު އަޝްފާގަށްވެސް ގަބޫލް ކުރެވޭ އޭނާ އުމުރުން ދުވަސްވެސް ވާކަން، ބައިވަރު ކަންތަށްތަށް ބަދަލްކޮށް، ކުރިއަށް ވުރެއް ބޮޑަށް ފޯކަސްކޮށްގެން ކަން ރަނގަޅު ކުޅުމެއްދެއްކޭނީވެސް. މިކަން އަޝްފާގުވެސް ޤަބޫލުކުރޭ. އެހެންވީމަ އަޝްފާގްގެ ފަރާތުން ވަރަށް ބޮޑަށް ގައުމީ ޓީމަށް އަރަން ބޭނުންވެފައި ހުރި މިންވަރު އެބަފެނޭ. އަޝްފާގާމެދު ބުނާނެ އެއްވެސް އެއްޗެއް ނެތް. އަޝްފާގަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ. އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން އަޝްފާގް މިމުބާރާތަށް ވާނެ ތައްޔާރިތަކާއި ދޭތެރޭގަ. އަޅުގަނޑު ގަބޫލް ކުރަނީ އަޝްފާގް ވަރަށް ރަނގަޅަށް މިމުބާރާތަށް ތައްޔާރު ވާނެކަމަށް." ކޯޗް ޢަލީ ސުޒޭން ބުންޏެވެ.

ރާއްޖޭގައި ބާއްވާ ސާފް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ނޭޕާލާއި ދިވެހިރާއްޖެއެވެ. ސާފް ޗެންޕިއަންޝިޕްގެ ތިވަނަ މެޗްގައި ބައްދަލުކުރާނީ ބަންގްލަދޭޝް އާއި އިންޑިޔާއެވެ. އަދި 4ވަނަ މެޗްގައި ވާދަކުރާނީ ސްރީ ލަންކާއާއި ނޭޕާލެއެވެ. މިމުބާރާތުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗްގައި އޮކްޓޯބަރު މަހުގެ 6ވަނަ ދުވަހުގެ ރޭ ރާއްޖެ ނިކުންނާނީ ބަންގްލަދޭޝްއާއި ދެކޮޅަށެވެ. އަދި 3ވަނަ މެޗްގައި ނިކުންނާނީ އަވަށްޓެރި ސްރީލަންކާއާއި ދެކޮޅަށެވެ. އަދި ރާއްޖެއިން ކުޅޭ އެންމެ ފަހު މެޗްގައި ނިކުންނާނީ ވާދަވެރި އިންޑީޔާއާއި ދެކޮޅަށެވެ.