ޚަބަރު

ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ބޭރުން އެތެރެކުރާނަމަ ޓެކްސްއެއް ނަގަނީ


ރާއްޖޭގައި ގިނަ އަދަދަކަށް އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް އެތެރެކުރާ ނަމަ ޓެކްސްއެއް ނެގުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިއްޔެ ކަނޑޫދޫގެ ދަނޑުިުވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ދަނޑުވެރިކަން ކުރުމުގައި ދަނޑުވެރިންނަށް ދިމާވާ ދަތިތަކާއި އެދާއިރާގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ކަނޑޫދޫ ދަނޑުވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް މިހާރު ފުރުޞަތު އޮތްކަމަށާއި، އެކަމަށް ޑިމާންޑްވެސް އެބައޮތްކަމުގައެވެ. އަދި ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯނެޓްގައި ބައިވެރިވުމުގެ މުހިންމުކަން ފާހަގަކުރައްވައި އެގްރޯނެޓް މެދުވެރިކޮށް ދަނޑުވެރިންނަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ރައީސް މަޝްވަރާކުރެއްވެވިއެވެ.

ދަނޑުވެރިން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ކެމިކަލްއިން ކުރިން ނަގަމުން އައި ޑިއުޓީ ކަނޑާލިނަމަވެސް އޭގެ ފައިދާއެއް ދަނޑުވެރިންނަށް ނުކުރާކަމަށާއި، އޭގެ ފައިދާ ކުރަނީ ވިޔަފާރިވެރިންނަށްކަން ފާހަގަކުރިއެވެ. އަދި، ކަނޑުދޫގެ ދަނޑުވެރިން ވަނީ އެގްރޯނެޓް ސްކީމްގައި މިރުސް ނުހިމެނޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ދަނޑުވެރިން ވަނީ ދަނޑުވެރިކަން ކޮށްގެން އުފައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކަށް މާކެޓްގައި ހަމައަގު ލިބޭނެ ފަދަގޮތަކަށް ކަންކަން އިންތިޒާމްކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަނޑޫދޫގެ ދަނޑުތަކުގައި ކޮންމެވެސް ވަރަކަށް މަސައްކަތްކުރާކަން ހާމަކުރަމުން ދަނޑުވެރިން ވަނީ އެމީހުން ފަސޭހަގޮތަކަށް އަލުން އަނބުރާ ރެގިއުލަރައިޒްކުރެވޭނެ މަގެއް ފަހިކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނޑުތަކުން އުފައްދާ ތަކެއްޗަށް ހަމަ އަގު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގައި ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފައްދާ ތަކެތި ލިބެނިކޮށް ބޭރުން އެފަދަ ތަކެތި އެތެރެކުރާ ނަމަ ޓެކްސް އެއް ނެގުމަށް ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ބިދޭސީން ރެގިއުލަރައިޒް ކުރެވޭނެ މަގުފަހިކޮށްދެއްވާނެކަމަށާ، ދަނޑުވެރިން ހުށަހަޅައިފައިވާ އެހެން ކަންކަމުގައިވެސް މަޝްވަރާކޮށްގެން ރަނގަޅު ޙައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މިގެންދަނީ ފިނޭންސް މިނިސްޓަރާއި މަޝްވަރާކުރަމުން ރާއްޖޭގައި ބޭނުންވާރަށް އުފައްދާ ތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިތުރު ޑިއުޓީއެއް ނަގާގޮތަށް. މިރުސް އެބައުފެއްދޭ، ފަތްކެޔޮ އެބައުފެއްދޭ، ފަޅޯ އެބައުފެއްދޭ، ކަރާވެސް އެބައުފެއްދޭ. އެކަހަލަ ލިސްޓެއް ހެދުމުިގެ މަސައްކަތް މިކުރަނީ. ރާއްޖޭގައި އުފައްދާތަކެއްޗަށް ޑިއުޓީއެއް ނެގުމަށް މި މަސައްކަތްކުރަނީ. އޭރުން ރާއްޖޭގައި އުފައްދާ ތަލކެއްޗަށް މާކެޓްލިބި ރަނގަޅު އަގެއް ލިބިގެންދާނެ."

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޑރ.ޙުސައިން ރަޝީދު ޙަސަން ދެއްކެވި ވާހަކަފުޅުގައިވެސް ވަނީ ކަނޑޫދޫގެ ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމަ އަގު ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކަނޑޫދޫ ދަނޑުވެރިން ބޭނުންވާ މަޢޫލޫމާތާއި ތަމްރީން ދިނުމަށް އެގްރޯ ނެޓްގެ ޚާއްޞާ ޓީމެއް އެރަށް ފޮނުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ކަނޑޫދޫގެ ދަނޑުވެރިން އެދޭގޮތަށް އެރަށުގެ ދަނޑުތަކަށް ކަރަންޓާއި ފެން ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.

"ހުރިހާ މައްސަލަތައް ހައްލުކުރުމަށް ފަންނީ ޓެކްނިކަލް ޓީމެއް މިކޮޅަށް ފޮނުވާ ތިބޭފުޅުންގެ ހުރި މައްސަލަތަކަށް ހައްލުތަކެއް ގެނެސްދޭން އަޅުގަނޑުމެން ބޭނުންވޭ."

މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ މިއަހަރުގެ ކާބޯތަކެތީގެ ދުވަސް ކަނޑޫދޫގައި ފާހަގަކުރުމަށް ނިންމާފައިވާކަމަށްވެސް ވިދާޅުވެފައެވެ. ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.