ޚަބަރު

ރާއްޖެއިން އިތުރު 134 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 134 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 79،600އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 134 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 48 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 77 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 9 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 79،659އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ މާބޮޑަށް އިތުރުނުވެ ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުންނާއި ރިސޯޓުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗް.ޕީ.އޭގެ ތަފާސްހިސާބުތަކުންދައްކައެވެ.

ކޯވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 1712 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 16 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 74 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 77،713 އަށް އަރާފައެވެ.

24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 6750 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 203 ދިވެހިންނާއި 19 ބިދޭސީންނެވެ.