ޚަބަރު

ކުރިއަށްއޮތް 3 އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ލިބޭނެ: ރައީސް


ކުރިޔަށް އޮތް ތިން އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ޚިދުމަތް ލިބޭނެގޮތް ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ، ވަންދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވަންދޫގައި ކުރިޔަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢާއި، މިސްކިތުގެ މަޝްރޫޢު އަދި ފެނަކަ އާ އިމާރާތް އެޅުމުގެ މަޝްރޫޢު ކުރިޔަށްދާކަމުގައި އުފަލާއިއެކު ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވަންދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ބޭނުންވާ ކަމަށާ، ފުޓްސަލް ދަނޑު އަދި އައުޓްޑޯ ޖިމް ފަދަ ކުޅިވަރު އިންފްރާސްޓްރަކްޗަރ ބޭނުންވާކަން ހިމެނެއެވެ. އަދި ކައުންސިލް އިދާރާ ހިންގާ އިމާރާތް ބާވެފައިވުމުން އާ އިމާރާތެއް ބޭނުންވާކަމަށާއި، ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމަށާއި ފުލުހުންގެ ޚިދުމަތް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށްގެންދާ ގޮތްތަކާއި ރަށުގެ ތަރައްޤީއަށާއި އަންހެނުން ބާރުވެރި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން އެބޭފުޅުން ވަނީ އަންހެނުން ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ބޭނުންވާ ވަޞީލަތްތަކާއި އެފަދަ ވަޞީލަތްތައް ޤާއިމުކުރުމަށް ޖާގަ ނެތްކަން ފާހަގަކުރައްވާފައެވެ. އަދި، އެބޭފުޅުން ވަނީ އެ ކޮމިޓީގެ މެންބަރުންނަށް މިހާރު ދެއްވާ މުސާރައާއި ޢިނާޔަތްތައް ކުޑަކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަންދޫގައި ކުރިޔަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ހިއްސާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި މިސްކިތުގެ މަސައްކަތް ޓެންޑެރިންގ އިވޭލުއޭޝަން ކުރިޔަށްދާކަމަށާއި އަދި ކުރިޔަށް އޮތް ތިން އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ޚިދުމަތް ލިބޭނެގޮތް މަގުފަހިކުރުމަށް މަސައްކަތްކުރައްވަމުންދާކަމުގައެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރަޔާއި އިނާޔަތްތައް ދެ ގުނަޔަށް އިތުރުކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވަންދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަސްވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.