ޚަބަރު

"އައިހެވެން" ތަރައްޤީކުރުމަށް ސަޢޫދީ ސަރުކާރުން އޮތީ ތައްޔާރަށް


އިހަވަންދިއްޕޮޅުގައި ހިންގަވާ "އައިހެވެން" ތަރައްޤީކުރަން ސަޢޫދީ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ކޯ-ޗެއަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.ޝައިނީ ވިދާޅުވީ، އެއްބަސް ވެވުނު ކަންތައްތައް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ސަޢޫދީ ރަސްގެފާނުގެ ފަރާތްޕުޅުން އަންނަ ހަފްތާތެރޭގައި ލިބިގެންދާނެ ކަމަށެވެ.ޝައިނީ ވިދާޅުވީ، އައިހެވަން މަޝްރޫޢުގައި ސަޢޫދީ ޢަރައްބިއްޔާއިން އަދާކުރާނެ ދައުރާ ބެހޭގޮތުން މިދިޔަ ހަފްތާގައި ސަޢޫދީ ސަރުކާރާއެކު ދިވެހި ސަރުކާރުން ކުރެއްވި އެންމެފަހުގެ މަޝްވަރާތައް ނިންމަވާލެއްވީ، އެންމެ ފުރަތަމަ އިންވެސްޓްކުރާނެ ކަންތައްތަކާމެދު އެއްބަސްވެވިގެން ކަމަށެވެ. އެހެންނަމަވެސް އެކަމުގެ މާބޮޑު ތަފްޞީލެއް ޝައިނީ އަދި ނުދެއްވައެވެ.ޝައިނީ ވިދާޅުވީ، އައިހެވެން މަޝްރޫއާއި، ތަރައްޤީގެ އެހެން މަޝްރޫއުތައް ރާއްޖޭގައި ކުރިއަށް ގެންގޮސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަޢޫދީ ސަރުކާރުން ވަރަށް ބޮޑަށް ޝައުޤުވެރިވާކަމަށެވެ.ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގައި ހިމެނޭ ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ޤާނޫނުގެ ދަށުން ތަރައްޤީކުރާ އައިހެވަން މަޝްރޫޢުގައި ހިމެނެނީ މައިގަނޑު ހަކަމެކެވެ. އެއީ، ބަނދަރަކާއި އެއަރޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރަށް، ރިއަލް އެސްޓޭޓާއި ރިސޯޓު ތަރައްޤީކުރުމެވެ.