ވިޔަފާރި

ކޯވިޑާއެކު ގެއްލުނު ވަޒީފާތަކާއި ޢާމްދަނީ އިތުރުވާން ފަށައިފި


ކޯވިޑާއެކު ގިނަ ބައެއްގެ ވަޒީފާ ގެއްލި ޢާމްދަނީއަށް އަސަރުކުރިއެވެ. ޢާމްދަނީއަށް އަސަރުކުރުމުގެ ސަބަބުން ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދަންވެސް ގިނަބަޔަކަށް އެއިރު ވެފައިވީ ތަކުލީފަކަށެވެ. ކޯވިޑުގައި 1 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާއިރު މިހާރު ވަޒީފާ ގެއްލުނު ގިނަ މީހުންނަށް ވަޒީފާ ލިބި މުސާރަވެސް ކޯވިޑްގެ ކުރިން އޮތް ޙާލަތަށް ރުޖޫއަވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނެރެފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ލޭބަރ މާކެޓް ރިޕޯޓުން ދައްކާގޮތުގައި ޢާމްދަނީއަށް އަސަރުކުރި މީހުންގެ މުސާރަ ކޯވިޑްގެ ކުރިން ހުރި ހާލަތައް އަހަރުގެ ފުރަތަމަ ކުއާޓަރގައި ވަނީ އައިސްފައެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ މި ރިޕޯޓުން ދައްކާގޮތުގައި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަޒީފާތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް 101،895 މީހުން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. މިއީ 1045 ވަޒީފާގެ އިތުރުވުމެކެވެ.

2020ވަނަ އަހަރު ފެށުނުއިރު ވަޒީފާ އަދާކުރާ މީހުންގެ އަދަދަކީ 100،900 އެވެ. އަދި އެ އަހަރުގެ ފެބްރުއަރީ މަހު މި އަދަދު ވަނީ 105،757އަށް އިތުރުވެފައެވެ. ނަމަވެސް ކޯވިޑާއިއެކު ވަޒީފާ އަދާކުރާ މީހުންގެ ޢަދަދު ސެޕްޓެމްބަރ މަހު ވަނީ 99،225އަށް ދަށްވެފައެވެ. މިއީ 6523 މީހުންގެ ވަޒީފާގެ ގެއްލުމެކެވެ.

ވަޒީފާތައް އިތުރުވިއިރު އަހަރުގެ ފުރަތަމަ ކުއާޓަރގައި ޢާމްދަނީއަށްވެސް ވަނީ ހެޔޮބަދަލެއް އަންނަން ފަށާފައެވެ. އިކޮނޮމިކް މިނިސްޓްރީގެ މި ރިޕޯޓުން ދައްކާގޮތުން 2020ވަނަ އަހަރުގެ ފަހު ކުއާޓަރއާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މުސާރަތައް ވަނީ %2 އިތުރުވެފައެވެ. މީގެތެރޭގައި ސަރުކާރު ވަޒީފާތަކުގައި އުޅޭ މީހުންނާއި އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ މީހުންވެސް ހިމެނޭކަމަށް ވަނީ ބުނެފައެވެ.

ކޯވިޑާއިއެކު "ނިއު ނޯމަލް"އަކަށް މިހާރު އާދެވިފައިވީނަމަވެސް ކޯވިޑްގެ އެންމެ ދަތި ދުވަސްތަކުގައި ގިނަ ބައެއްގެ ވަޒީފާ ގެއްލި އާމްދަނީއަށް އަސަރުކުރުމުގެ ސަބަބުން އެމީހުންނަށް އެހީތެރިވެދިނުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދީފައެވެ. އެގޮތުން ޢާމްދަނީއަށް އަސަރުކުރި މީހުންނާއި ވަކިވަކި ވިޔަފާރިތަކަށްވެސް ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން 22،946 މީހަކަށް 421 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް 361.3 މިލިއަން އަދި ބޮޑެތި ވިޔަފާރިތަކަށް 585.9 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.