ޚަބަރު

މެއި 6ގެ ހަމަލާގެ ތަހުޤީގަށް ރައީސް ނަޝީދުގެ ވަކީލަކަކަށް، ކަރސްޓީ ބްރިމްލޯ


ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާގެ ޖިނާޢީ ތަހުޤީގު ކުރިއަށްދާގޮތް ބެއްލެވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އިނގިރޭސިވިލާތުގެ ވަކީލަކު އައްޔަންކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ، މެއި 6ގައި ރައީސް ނަޝީދަށްދިން ހަމަލާގެ ތަހުޤީގުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ވަކާލާތުކުރެއްވުމަށް އައްޔަންކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ކްއީންސް ކައުންސެލް އޮފް ޑައުޓީ ސްޓްރީޓް ކަރސްޓީ ބްރިމްލޯކަމަށެވެ.

މަޖިލިސް ރައީސަށް ދިން ހަމަލާގެ މައްސަލާގައި އެމަނިކުފާނުގެ ފަރާތްޕުޅުން އައްޔަންކުރެއްވި ވަކީލަށް މަޖިލީހުން އެއްވެސް ޚަރަދެއް ނުކުރާނެކަމަށްވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.

އިންޓަރނޭޝަނަލް ހިއުމަންރައިޓްސް ލޯގެ ތަޖުރިބާކާރެއްކަމުގައިވާ ގައިވާ ކަރސްޓީ ބްރިމްލޯގެ މަސައްކަތަކަށް ވާނީ ތަހުގީގު ހިނގަމުން އަންނަ ގޮތް ބެލައި ރާއްޖެއާ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޤާވާއިދުތަކާއެއްގޮތަށް މައްސަލައިގެ ތަޙުޤީގު ގެންދަން އެހީތެރިވާނެއެވެ.

މިދިޔަ މެއި މަހުގެ 6ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮއްލަންދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި އިންކުއަރީ ރިޕޯޓުގައިވާ ކަންކަމަށް ބަލައި އަވަސް ފިޔަވަޅު ނާޅައިފިނަމަ ދިވެހި ރައްޔިތުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

އެގޮތުން އިންކުއަރީ ރިޕޯޓުގައި ސަލާމަތީ ޚިދުމަތްތަކުގެ ތެރޭގައި ކަންބޮޑުވާންޖެހޭ ބައެއްކަންކަން ހިނގަމުންދާކަން ފާހަގަކުރެވޭކަމަށާއި އެކަންކަން އަވަހަށް ރަނގަޅުކުރެއްވުމަށާއި، ރިޕޯޓުގައި އިސްލާޙުކުރަން ހިމަނާފައިވާ ކަންކަމާއި ހުށައެޅުންތަކާއި އިރުޝާދުތައް ބަލައިގަނެ އެގޮތަށް ރައީސުލްޖުމްހޫރިއްޔާ ބަލައިގަތުމަކީ ރައްޔިތުންނަށް މިވަގުތު އެންމެ ބޭނުންތެރިކަމެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަަމަލާގެ ތަހުޤީޤުގައި ދެން އަމާޒުކުރާނީ މިކަމަށް ފައިސާ ހަރަދުކޮށްފައިވާ ގޮތް ބެލުމަށްކަމަށް، ޙަމަލާގެ ތަޙުޤީޤު ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ޚާއްސަ މަންދޫބު، އައްބާސް ފާއިޒްވަނީ ވިދާޅުވެފައެވެ.