ޚަބަރު

ތ.އަތޮޅުގައި ފަތުރުވެރިކަމާއި މަސްވެރިކަން ތަރައްޤީކުރުމަށް ރައީސްގެ ޚާއްޞަ ޕްލޭންތަކެއް


ކޮޅުމަޑުލުގައި ފަތުރުވެރިކަމާއި މަސްވެރިކަން ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ގިނަ ޕްލޭންތަކެއް ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ކޮޅުމަޑުލުގެ 7 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކައުންސިލްތަކުން ރަށްތައް ތަރައްޤީކުރުމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި އެކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމުގައި ވިދާޅުވެފައެވެ.

ކޮޅުމަޑުލު އަތޮޅު ކައުންސިލުން ވަނީ އެއަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި އަތޮޅުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ތ.އަތޮޅުގައި އިޤްތިޞާދީ ޙަރާކާތްތަކާއި ސިނާޢީ އެކިއެކި މަސައްކަތްތައް އިތުރުކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ދަންނަވާފައި ވެއެވެ. އަދި އަތޮޅުގައި ހިމެނޭ ފަޅު ރަށްތަކުގެ ބެލެނިވެރި ފަރާތެއް ކަނޑައަޅުއްވައިދެއްވުމަށާއި އަތޮޅުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ބޭންކިންގ ނިޒާމެއް ޤާއިމުކުރުމަށް އެއަތޮޅުން ޝައުޤުވެރިވާކަން އަތޮޅު ކައުންސިލްގެ ރައީސް ވަނީ ދަންނަވާފައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެއަތޮޅުގެ ތަރައްޤީއަށް ކުރިއަށް ގެންދަވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދެއްވާފައެވެ. އަދި އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިގޮތުން އެމަނިކުފާނު ވަނީ ތ.އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށާއި މަސްވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ވިސްނުން ގެންގުޅުއްވާކަމުގައި ވިދާޅުވެފައެވެ. އަދި ފަޅު ރަށްތަކުގެ މައްސަލާގައި އެމަނިކުފާނު ވިދާޅުވީ މިހާރު ސަރުކާރުން ކުރަން ވިސްނާފައިވާ މަސައްކަތަކީ ފަޅުރަށްތަކުގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުންކަމުގައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތ.އަތޮޅު ހޮސްޕިޓަލަށާއި ވޭމަންޑޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު ވޭމަންޑޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ.އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.