އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރަށްރަށަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ދެކުނުގެ ދެ އަތޮޅަކަށް ޕީޕީއެމްގެ ޓީމުތައް މިއަދު ފުރައިފިއެވެ.
ގދ. އަތޮޅަށާއި، އައްޑޫއަށް ފުރުމުގެ ކުރިން ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުންވަނީ މިޑިޔާތަކާއި ބައްދަލުކޮށް ޕީޕީއެމުންބުނީ މިދަތުރުގެ ބޭނުމަކީ ރައްޔިތުންގެ އަޑު ކައިރިން އަހައި ރައްޔިތުންނާއި ގާތުން ބައްދަލުކުރުންކަމަށެވެ. މިދަތުރުގައި އެ ދެއަތޮޅުގެ ރަށްރަށުން ޕާޓީއަށް ސޮއިކުރުމުގެ ހަރަކާތްތައްވެސް ކުރިއަށް ދާނެކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވިދާޅުވިއެވެ.
ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ އައްޑޫ ސިޓީއާއި، ހުވަދު އަތޮޅަކީ ސަރުކާރުން ތަރައްޤީގެ ނަމުގައި ރައްޔިތުންނަށް ކުލަ ހުވަފެން ދައިގެން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ދެ އަތޮޅެއްކަމަށެވެ.
ޝިޔާމް ވިދާޅުވީ ގދ. އަށް ދަތުރުކުރާ ދަތުރުގައި ޕީޕީއެމްގެ ޓީމުންތަކުން އެ އަތޮޅުގެ ދެ ދާއިރާ އަކަށް ދަތުރު ކުރާނެ ކަމަށެވެ. އެގޮތުން ގައްދޫ އާއި ފަރެސްމާތޮޑާ ދާންހަމަޖެހިފައިވާއިރު، އައްޑޫއަށް ދަތުުރުކުރާ ޕީޕީއެމްގެ ޓީމުގައި ހިމެނޭ ބޭފުޅުން އެ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ޕީޕީއެމްގެ ޓީމުތަކުން އަތޮޅުތަކަށް ކުރަމުން ގެންދާ މިދަތުރުތަކުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން އެކުލަވާލާ މެނިފެސްޓޯ އަށް ރައްޔިތުންގެ ހިޔާލު ހޯދުމަށްވެސް ނިންމާފައިވެއެވެ.