ޚަބަރު

އުޞޫލާ ޚިލާފަށް ގެސްޓުން ގެންނަނަމަ ކޯވިޑްގެ އިތުރު ރާޅަކާ ކުރިމަތިލާން ޖެހިދާނެ - ރައީސް


ޓޫރިސްޓުންގެ ގޮތުގައި ގެސްޓްހައުސްތަކަށް ބުކިންގ ހަދައިގެން މީހުންގެނެސް އަމިއްލަ ގެތަކުގައި ބައިތިއްބައި އުޞޫލުތަކާއި ޚިލާފުވާނަމަ އެކަންކަން ސަރުކާރުން ހުއްޓުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ޢުސޫލުތަކާއި ޚިލާފަށް ރާއްޖެއަށް މީހުންގެންނަމަ ކޯވިޑްގެ އިތުރު ރާޅެއް ކުރިމަތިވުމުގެ ކަންބޮޑުވުން ރައީސް ފާޅުކުރައްވާފައިވާއިރު، މީހުން ދިރުއުޅޭ ރަށްރަށުގައި އުޞޫލާ ޚިލާފަށް އުޅެމުންދާ ފަތުރުވެރިން ހޯދާ ފިޔަވަޅުއެޅުމަށް ޚާއްސަ އިސްޕެކްޝަނެއް މިއަދުވަނީ ފަށާފައެވެ.

ކޮޅުމަޑުލު އޮމަދޫ ބަނދަރު ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައިވަނީ ކޯވިޑްގެ ނުރައްކާތެރި ޙާލަތަށްފަހު، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވާންފަށައި، ޓޫރިސްޓުން އަންނަން ފަށިނަމަވެސް ރަނގަޅުވެފައިވާ ހާލަތު ދެމެހެއްޓޭނީ އަދިވެސް ވިސްނުންތެރިކަމާ އެކީގައި މަސައްކަތްތަކެއް ކޮށްގެންކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ބޯޑަރު ހުޅުވާލުމާ އެކު ރާއްޖެއަށް ޓޫރިސްޓުން އަންނަމުންދާއިރު، ބައެއް ޤައުމުތަކުން ޓްރާންސިޓް ސްޕޮޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރަންފަށާފައި ވާކަމަށެވެ. އެކަން އެގޮތަށްވަނީ ރާއްޖެއިން އެހެން ޤައުމުތަކަށްދާއިރު، އެއްވެސް ކަރަންޓީނެއް ނެތި ފަސޭހަކަމާއެކު ބައެއް ޤައުމުތަކަށް ދެވޭތީކަމަށާއި، އެގޮތަށް އަންނަ ގިނަ ބަޔަކު މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުގައި، ތިބޭކަން ރައީސް ފާހަގަކުރެއްވިއެވެ.

މިއީ ރާއްޖެއަށް އާމްދަނީ ލިބޭ ކަމެއްކަމުގައިވީނަމަވެސް، މިކަން ދެމެހެއްޓޭނީ ހުރިހާ ފަރާތްތަކުންވެސް ކަނޑައަޅާފައިވާ އުޞޫލުތަކަށް ވިސްނުންތެރިކަމާއެކު ޢަމަލުކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އުޞީލުތަކާއި ޚިލާފަށް މީހުން ގެނެސް ރަށްރަށުގައި ހަރަކާތްތެރިވާނަމަ އަނެއްކާވެސް ރާއްޖެއަށް ކޯވިޑުގެ އިތުރު ރާޅެއް އަތުވެދާނެކަމަށާއި، އެހެންދިމާވެއްޖެނަމަ ބަލި ކޮންޓްރޯލުކުރުމަށް ދަތިވެގެން ހިނގައިދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ކޯވިޑާ ގުޅިގެން ސަރުކާރުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ގެސްޓްހައުސްތައް ހިންގާ ފަރާތްތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި، ޓުއަރ އޭޖެންޓުންވެސް ޢަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ގެސްޓްހައުސްތަކުގައި މީހުން ތިބީ އުޞޫލާއެއްގޮތަށް ބަލައި ޓުއަރ އޭޖެންޓުން މީހުން ގެނެސްފައި ތިބީ ރަނގަޅަށް ބުކިންގ ހަދައިގެންތޯ ދެނެގަތުމަށްކަން ކަށަވަރުކުރުމަށް ޚާއްސަ އިންސްޕެކްޝަނެއް ފެށިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އުޞޫލުތަކާއި ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއަޅުއްވާނެކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ، ވަކިވަކި ގެސްޓްހައުސްތަކަށް ބުކިންގ ހަދައިގެން ގެނެސް، އެކިއެކި އަމިއްލަ ގޭގޭގައި މީހުން ބައިތިއްބާ ވާހަކަވެސް. އެއީކީއެއް އެކަން ކޮށްގެންވާނެ ގޮތެއް ނޫން. އެކަން އަޅުގަނޑުމެން ހުއްޓުވާނަން. މިކަން މުގުރާލައި، މިއާ އިދިކޮޅަށް ކަންތައްކުރާ ފަރާތްތަކާ ދޭތެރޭގައި އަޅުގަނޑުމެން ފިޔަވަޅުވެސް އަޅާނަން" ރައީސް ވިދާޅުވިއެވެ.

މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި މިއިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޮލިސް ސާރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މިނިސްޓްރީ އޮފް ޓުއަރިޒަމާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ އެޗްޕީއޭ ގުޅިގެންނެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ އުސޫލްގައިވާ ގޮތުން މިދިޔަ ޖުލައި މަހުގެ 26 އިން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އިމަރޖެންސީ ހާލަތުގައި ބޭނުންކުރުމަށް ޙުއްދަދީފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކޯވިޑް ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ރާއްޖެއަށް ދަތުރުކުރާ ތާރީޚަށް 14 ދުވަސް ވެފައިވާ ފަރާތްތަކަށެވެ.

ނަމަވެސް ވެކްސިންގެ ޑޯޒްތައް ހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހޮޓާތަކާ، ގެސްޓް ހައުސް ތަކުގައި ތިބެވޭނީ އެރަށެއްގެ މުޅި އާބާދީގެ %60އަށް މަތިވެފައިވާނަމަ ކަމަށްވެސް އެޗްޕީއޭގެ އުސޫލްގައި ހާމަކޮށްފައިވެއެވެ.

ފުލުހުން ވިދާޅުވީ، މި އިންސްޕެކްޝަންގައި ކޮވިޑްގެ ހާލަތާ ގުޅިގެން ރާާއްޖެ އަންނަ ފަތުރުވެރިން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމާއި ގުޅޭގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުރަމުންދޭތޯ ބެލުމުގެ އިތުރުން މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އުޞޫލާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.