ޚަބަރު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މުސާރަ ދެގުނަ ބޮޑު ކޮށްދޭނަން: ރައީސް


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ މުސާރަ ދެގުނަ ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތ.ކިނބިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނަށް ހުރި ދަތިތަކާ ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނަށް މުސާރައިގެ ގޮތުގައި މިހާރު ދެމުންދަނީ ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް ދެވޭ އެލަވަންސެކެވެ. އަންހެނުން ބާރުވެރި ކުރުވުމަކީ މިސަރުކާރުގެ އަމާޒެކެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ވިދާޅުވެފައެވެ. މީގެ އިތުރުން ކިނބިދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދެއްވުމާއި ގުޅޭގޮތުންނާއި ރަށުގެ ބޯހިޔާވަހިކަން ހައްލުކުރުމާ ގުޅޭގޮތުންވެސްވަނީ މަޝްވަރާކުރައްވާފައެވެ. އަދި ރަށުގެ އާސާރީ ތަންތަން ހިމާޔަތް ކުރުމާ ގުޅެގޮތުންވެސްވަނީ މަޝްވަރާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކިނބިދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއްވަނީ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް ކިނބިދޫގެ ގިނަ ޢަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވެފައިވެއެވެ. ބޮޑުބެރާއި ސަގާފީ ހަރަކާތްތަކާއެކު ރައީސްއަށް ކިނބިދޫން ދެންނެވީ ރަތްދޫލައިގެ މަރުހަބާއެކެވެ.

ކިނބިދޫއަށް ވަޑައިގެން ރައީސް އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ އެރަށު ސިއްޙީ މަރުކަޒަށެވެ. ސިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ސިއްޙީ މަރުކަޒުން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ކުރެވޭނެ ކަންކަން އޮޅުންފިލުއްވާ މަޝްވަރާކުރައްވާފައެވެ.


ރައީސްގެ މިދަތުރުފުޅުގައި ވަނީ ކިނބިދޫ ސްކޫލަށްވެސް ޒިޔާރަތްކުރައްވާ އެތަނަށް ދިމާވެފައިވާ ދަތިތައްވެސް އޮޅުންފިލުއްވާފައެވެ. އެއަށްފަހު ރައީސް ވަނީ ކިނބިދޫގައި ކުރިއަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައްވެސް ބައްލަވާލައްވާފައެވެ. އެގޮތުން ފެނާއި ނަރުދަމާ ހިނގަމުން އަންނަގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ކިނބިދޫ ފެނާއި ނަރުދަމާގެ މަޝްރޫޢަކީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ދައުލަތުން 38.35 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. ކިނބިދޫއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއިވެސް ބައްދަލުކުރައްވާ ރަށުގެ ތަރައްޤީއާއި ގުޅުންހުރި ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސް ތ.އަތޮޅަށް ކުރައްވާ މިދަތުރުފުޅަކީ އެއަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅެކެވެ. ތ.އަތޮޅަކީ ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދާ އަތޮޅެކެވެ. އެއަތޮޅުގެ ތަރައްޤީއަށް 297.1 މިލިއަން ރުފިޔާ މިއަހަރު ބަޖެޓްކޮށްފައިވެއެވެ. އެގޮތުން ކިނބިދޫއަށް އެކަނިވެސް 25 މިލިއަށްވުރެ ގިނަ ރުފިޔާ އެރަށުގެ ޕީއެސްއައިޕީއަށް ބަޖެޓްކޮށްފައިވެއެވެ.