ވިޔަފާރި

ބައިނަލްއަޤްވާމީ 32 ހަރަކާތެއްގައި މިއަހަރު ވިޒިޓް މޯލްޑިވްސްއިން ރާއްޖެ އިޝްތިހާރުކުރާނެ


ވިޒިޓް މޯލްޑިވްސްއިން މިއަހަރުގެ ކުރިއަށް އޮތް ތަނުގައި ރާއްޖެ އިޝްތިހާރުކުރުމަށް ބައިނަލްއަޤްވާމީ 32 ހަރަކާތެއްގައި ބައިވެރިވާނެކަމަށް ބުނެފިއެވެ. މިއަހަރުގެ މިހާތަނަށްވެސް ވިޒިޓް މޯލްޑިވްސްއިން ވަނީ ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ.

ކޯވިޑްގެ ސަބަބުން އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރުކުރަން ކުރަންޖެހުނު މަސައްކަތް ވަނީ އިތުރަށް ވަރުގަދަކުރަން ޖެހިފައެވެ. ކޯވިޑާއި އެކު މިދިޔަ އަހަރު ރާއްޖެ ޕްރޮމޯޓްކުރުމުގެ ހަރަކާތްތައް އެމްއެމްޕީއާރުސީން ކުރިއަށްގެންގޮސްފައި ވަނީ އޮންލައިން އެކިއެކި ވަސީލަތްތައް މެދުވެރިކޮށެވެ. ނަމަވެސް މިއަހަރު އަލުން ވަނީ ފެއަރތަކާއި ރޯޑް ޝޯތަކުގައި ފިޒިކަލްކޮށް ބައިވެރިވާން ފަށާފައެވެ.

އެމްއެމްޕީއާރުސީން ބުނީ މިއަހަރުގެ ކުރިއަށްއޮތް ތަނުގައި ބައިނަލްއަޤްވާމީ 32 ހަރަކާތެއްގައި ރާއްޖެ ޕްރޮމޯޓްކުރާނެކަމަށެވެ. މީގެތެރޭގައި ފެއަރތަކާއި، ރޯޑްޝޯތަކާއި، ނެޓްވޯކިންގ ހަރަކާތްތަކާއި ބީޓުބީ އިވެންޓްތައް ހިމެނެއެވެ. އެގޮތުން އަންނަ މަހު އެންމެ ފުރަތަމަ ވިޒިޓް މޯލްޑިވްސްއިން ރާއްޖެ އިޝްތިހާރުކުރާނީ ރަޝިއާގެ މޮސްކޯގައި އޮންނަ "ބިގް އޯޝަން ޝޯ މޮސްކޯ" ގައެވެ. ސެޕްޓެމްބަރ މަހުގެ ތެރޭގައި މުޅި ޖުމްލަ 8 އިވެންޓެއްގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވާނެއެވެ.

އޮކްޓޯބަރ މަހުގެ ތެރޭގައިވެސް ބައިނަލްއަޤްވާމީ 7 ހަރަކާތެއްގައި ވިޒިޓް މޯލްޑިވްސްއިން ރާއްޖެ އިޝްތިހާރުކުރާއިރު އެންމެ ފާހަގަކޮށްލެވެނީ 6 މަސްދުވަހަށް ދުބާއީގައި ކުރިއަށްދާ "އެކްސްޕޯ 2020" އެވެ. ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތްކަމަށްވާ ޑަބްލިއުޓީއެމް ލަންޑަންގައި މިއަހަރު ވިޒިޓް މޯލްޑިވްސްއިން ބައިވެރިވާނެއެވެ. މި އިވެންޓް އޮންނާނީ ނޮވެމްބަރ މަހުގެ 1 އިން 3 ވަނަ ދުވަހަށް ލަންޑަންގައެވެ.

ބައިނަލްއަޤްވާމީ ގިނަ މާކެޓްތަކެއްގައި ރާއްޖެ އިޝްތިހާރުކޮށް ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކާއިއެކު ކޯވިޑަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ވަނީ އިތުރުވާން ފަށާފައެވެ. މިއަހަރުގެ އޮގަސްޓް 15 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 686،057 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.