ޚަބަރު

ބާސެލޯނާގެ ދަރަނި 1.15 ބިލިއަން ޕައުންޑަށް އަރާކަމުގައި ލަޕޯޓާ ހާމަކޮށްފި


ޔޫރަޕްގެ ފުޓްބޯޅައިގާ އެންމެ ފާހަގަކޮށްލެވޭ އެއް ކްލަބް ކަމަށްވާ ސްޕެނިށް ލަލީގާގެ އެފްސީ ބާސެލޯނާގެ ދަރަނި 1.15 ބިލިއަން ޕައުންޑަށް އަރާކަމުގައި އެކަލަބްގެ ރައީސް ހުއާން ލަޕޯޓާ ހާމަކޮށްފިއެވެ. އޭނާ ބުނީ ކްލަބްގެ ކުޅުންތެރިންގެ މުސާރަ މިހާރު ލިބޭ އާންމުދަނީގެ 103 ޕަސައްޓަށް އަރާކަމަށެވެ.

ލަޕޯޓާ މިކަމުގެ ޒިންމާ އަޅުވަނީ އޭނާގެ ކުރިން ކްލަބްގެ ރައީސްކަމުގައި ހުރި ޖޯސެޕް މާރިއާ ބަރޓޮމެއުގެ ބޮލުގައެވެ. އޭނާ ބުނީ ބަރޓޮމެއުވަނީ ކްލަބްގެ މާލީ ހާލަތު ދުވަހަކުވެސް ދަށަށް ނުދާވަރަށް ދަށަށް ދުއްވާލާފައެވެ. އަދި ލިއޮނެލް މެސީގެ އެގްރީމަންޓް އައުކުރިނަމަ އެކްލަބްގެ ކުޅުންތެރިންގެ މުސާރަ 110އިން ސައްތައަށް އެރީސް ކަމަސާއި އެއީ ލަލީގާއިން ބަލައިގަންނަށް ބޭނުންވި ކަމެއް ނޫން ކަމަށެވެ.

ލަޕޯޓާ ހާމަކުރިގޮތުގައި ކްލަބްގެ ކުޅުންތެރިންގެ މުސާރަ މިއުޅޭނީ ލީގުގެ އެހެން ކްލަބްތަކާއި އަޅާބަލާއިރު ވިއްސާއި ފަންސަވީސް އިން ސައްތައަށްވުރެ މަތީގައެވެ. ނަމަވެސް މިަހަރުގެ މާރޗް މަހު ކްލަބްގެ ރައީސް ކަމަށް ދެވަނަ ފަހަރަށް ހޮވުނު ލަޕޯތާއަށް ކލަބްގެ ދަރަނީގެ އަސްލު ހާލަތު މިހާލަހުން ދެނެގަނެވުނީތީ ސުވާލު އުފައްދާ ކްލަބްގެ ސަޕޯޓަރުން މަދެއް ނޫނެވެ. ލަޕޯޓާ ހާމަކުރިގޮތުގައި އޭނާ ކްލަބްގެ ރައީސް ކަމަށް އައުމަށްފަހު އެންމެ ފުރަތަމަ ވެސް ކުރަންޖެހުނު ކަމަކީ 80 މިލިއަން ޔޫރޯގެ ލޯނެއް ނެގުމެވެ. އެއީ ކުޅުންތެރިންގެ މުސާރަ އޭރު އެހެން ނޫންނަމަ ދެއްކެން ނެތުމުންނެވެ.

ބަރޓޮމެއު މިދިޔަ ހޮނިހިރު ދުވަހު އާންމު ކުރި ސިޓީއެއްގައި ހާމަކުރިގޮތުގައި އޭނާ އޮކްޓޯބަރުމަހު އިސްތިއުފާ ދޭން މަޖްބޫރު ނުކުރުވިނަމަ ކްލަބްގެ މާލީ ހާލަތު މާރޗް މަހާއި ހަމައަށް ހަމައަކަށް އަޅުވާނެކަމަށެވެ. އަދި އޭނާ ކޮންމެހެން ހަދާފަވެސް މެސީ ބާރސާގައި ބަހައްޓާނެކަމުގައިވެސް އޭނާ ހާމަކޮށްފައިވެއެވެ. އަދި މިހާރު ކްލަބަށް ދިމާވެފައިވާ މާލީ ހަލަތަށް އަޔަނުދޭން ކްލަބްގެ ބޯޑަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުނީސް ކަމަށްވެސް އޭނާ ހާމަކުރިއެވެ. އަދި މިސީޓާއެކު ކްލަބްގެ އެންމެފަހުގެ ދެ ރައީސުންގެ މެދުގައި ބަހުގެ ގިނަ ހަމަލާތަކެއްދަނީ ބަދަލުކުރެވި އެކަކު އަނެކަކެއްގެ ބޮލުގައި ޒިންމާ އަޅުވަމުންނެވެ.

ބާރސާއަާއި އަލަށް ގުޅުނު މެމްފިސް ޑިޕާއި އާއި އެރިކް ގާސިއާ އަދި ރޭ މަނާޖް ލަލީގާގައި ރަޖިސްޓަރ ކުރެވޭގޮތްވީ ޖެރާޑް ޕީކޭ އޭނާގެ މުސާރަ ކުޑަކުރަން އެއްބަސްވުމުންނެވެ.