ޚަބަރު

ޓީ-20 ވަރލްޑް ކަޕްގެ މެޗުތައް ރޭވިފައިވާގޮތް އާންމުކޮށްފި


މިއަހަރުގެ އޮކްޓޯބަރުމަހު ފެށުމަށް ހަމަޖެހިފައިވާ ޓީ-20 ވަރލްޑް ކަޕް ކްރިކެޓް މުބާރާތުގެ މެޗްތައް ރޭވިފައިވާގޮތް އާންމުކޮށްފިއެވެ. މިގޮތުން ގްރޫޕް ސްޓޭޖް ނުވަތަ ކޮލިފައިންގ މެޗްތަކުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރުމަހުގެ 17 ވަނަ ދުވަހުއެވެ.

މިމުބާރާތުގެ މުހިންމު ބައިކަމަށްވާ ސުޕަރ ޓުވެލްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރުމަހުގެ 23ވަނަ ދުވަހުއެވެ. އަދި ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޮސްޓްރޭލިއާ އާއި ދެކުނު އެފްރިކާއެވެ. އަދި އެދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން ވެސްޓް އިންޑީޒްއާއި އިންގްލަންޑްއެވެ.

އިންޑިއާގައި ބޭއްވުމަށް ކުރިން ހަމަޖެހިފައިވި މި މުބާރާތް ކޮރޯނާ ވައިރަހުގެ ސަބަބުން މިހާރުވަނީ ޔޫއޭއީ އާއި އޮމާންއަށް ބަދަލުކޮށްފައެވެ. އޮކްޓޯބަރުމަހުގެ 17ވަނަ ދުވަހު ގްރޫޕް ސްޓޭޖްގެ މެޗްތަކުން ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް ނޮވެމްބަރުމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

މިފަހަރުގެ މުބާރާތް ރޭވިފައިވާގޮތުން ކޮލިފައިންގ ކުޅޭ ޓީމްތައް ދެ ގްރޫޕަކަށް ބަހާލެވި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރާނެއެވެ. އަދި ގްރޫޕް ސްޓޭޖުން ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސުޕަރ 12 އަށް ކޮލިފައިވާނެއެވެ. ކޮލިފައިންގައި ވާދަކުރާ ފާހަގަ ކޮށްލެވޭ ޓީމްތަކުގެ ތެރޭގައި ސްރީލަންކާ އާއި ބަންގްލަދޭޝް ހިމެނެއެވެ. ގްރޫޕް އޭގައި ހިމެނެނީ ސްރީލަންކާގެ އިތުރުން އަޔަލަންޑާއި ނެދަލަންޑްސް އަދި ނެމީބިއާއެވެ. ގްރޫޕް ބީ ގައި ހިމެނެނީ ބަންގްލަދޭޝްގެ އިތުރުން ސްކޮޓްލަންޑާއި ޕަޕުއަ ނިއުގިނީ އަދި އޮމާންއެވެ.

ސުޕަރ 12 ގެ ގްރޫޕް އެކެއްގައި މިހާރު ހިމެނޭ ޓީމް ތަކަކީ އިންގްލަންޑް، އޮސްޓްރޭލިއާ، ދެކުނު އެފްރިކާ އަދި ވެސްޓް އިންޑީޒްއެވެ. އަދި ކޮލިފައިންގ އިން އަންނަ ދެޓީމް އިތުރަށް ހިމެނޭނެއެވެ. ގްރޫޕް ދޭއްގައި ހިމެނެނީ އިންޑިއާ، ޕާކިސްތާން، ނިއުޒީލަންޑް އަދި އަފްޣާނިސްތާންއެވެ. ސުޕަރ 12 ގައި އެންމެ ފާހަގަވެގެންދާނެ އެއް މެޗެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އެއް ކުރިމަތިލުމަކީ އިންޑިއާ އާއި ޕާކިސްތާން އޮކްޓޯބަރުގެ މަހުގެ 24 ގައި ވާދަކުރާ މެޗެއެވެ.