ޚަބަރު

ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަސް


ބައިނަލްއަޤްވާމީ ހަރަކާތްތަކާއި ތަމްރީނުތަކުގައި ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިންގެ ބައިވެރިވުން ވޭތުވެދިޔަ އަހަރުގައި އިތުރުވެފައިވުމަކީ ފާހަގަކުރެވުނު މުހިންމު ކުރިއެރުމެއް ކަމަށް ދިވެހި ރެޑް ކްރެސެންޓް އިން ހާމަކުރައްވައިފި އެވެ.ދިވެހި ރެޑް ކްރެސެންޓުން މިގޮތަށް ހާމަކުރެއްވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަހުގެ މުނާސަބުތުގައި އެޖަމާއަތުން ނެރުނު ބަޔާނުގައި އެވެ.ދިވެހި ރެޑް ކްރެސެންޓުން ނެރުނު ބަޔާނުގައިވާ ބުނެފައިވަނީ، ވޭތުވެދިޔަ އަހަރަކީ ދިވެހި ރެޑް ކްރެސެންޓުގެ މަސައްކަތްތައް އިތުރަށް ފުޅާކުރެވި ދަރުމަވެރިންގެ އެހީތެރިކަމާއެކު ތަފާތު ގިނަ ހަރަކާތްތަކެއް އެޖަމާއަތުގެ ގޮފިތަކުން ހިންގި އަހަރެއް ކަމަށެވެ. އަދި ދިވެހި ރެޑް ކްރެސެންޓުން މަސައްކަތްކުރާ ތިން ދާއިރާކަމަށްވާ ކާރިސާތަކުގެ ކަންކަން ބެލެހެއްޓުމާއި، ސިއްހަތާއި އިޖުތިމާއި އަޅާލުން އަދި ޒުވާނުންގެ ތަރައްޤީގެ ދާއިރާއިން ދަރުމަވެރިންގެ ޙަރަކާތްތެރިކަން ފެނިފައިވާ ކަމަށް ބަޔާނުގައިވެއެވެ.އެ ދާއިރާތަކުން މުޖުތަމަޢުގެ ޙޭލުންތެރިކަން އިތުރުކުރުމާއި ޚިދުމަތްތައް ފޯރުކޮށްދިނުމާއި ކުއްލި ޙާލަތުގައި ތިމާގެ ނަފްސަށްވުރެ އަނެކާ އިސްކޮށް އެންމެހާ ދަރުމަވެރިން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތް ފާހަގަކޮށް ދިވެހި ރެޑް ކްރެސެންޓްއިން ވަނީ އެފަރާތްތަކަށް ޝުކުރުއަދާކޮށްފައިވެ އެވެ.މީގެ އިތުރުން ބައިނަލްްއަޤްވާމީ ހަރަކާތްތަކާއި ތަމްރީނުތަކުގައި ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިންގެ ބައިވެރިވުން ވޭތުވެދިޔަ އަހަރުގައި އިތުރުވެފައިވުމަކީ ފާހަގަކުރެވުނު މުހިންމު ކުރިއެރުމެއް ކަމަށް ދެކޭ ކަމަށާއި ދިވެހި ރެޑް ކްރެސެންޓު ތަރައްޤީވެ ގޮފިތަކުގެ ހަރަކާތްތައް ކުރިއަރަމުން މިދާ ދަނޑިވަޅުގައި، ދަރުމަވެރިންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރެވި ގުޅިގެން މަސައްކަތްތަކުމުގެ މާހައުލެއް ބިނާކުރުމަކީ ދިވެހި ރެޑް ކްރެސެންޓުގެ އަމާޒެއް ކަމަށްވެސް އެޖަމާއަތުން މިއަދު ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހެއްގެ 5 ވަނަ ދުވަހަކީ ދަރުމަވެރިންގެ އަގުނުކުރެވޭ މިންނެތް މަސައްކަތް ފާހަގަކުރުމަށްޓަކައި މުޅި ދުނިޔޭގައި ފާހަގަކުރަމުންދާ ދުވަހެވެ.