ޚަބަރު

21 ރަށެއްގައި ހޮސްޕިޓަލް އެޅުމަށް ފައިސާ ވަނީ ހަަމަޖެހިފައި: ރައީސް


ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތަކަށް އަމާޒުކޮށް 21 ހޮސްޕިޓަލެއް އެޅުމަށް ޝޯޓްލިސްޓްކޮށް ފައިސާ ހޯދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔަ ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިމަރަފުށީ ވިޔަފާރިވެރިންނާއި މަސްވެރިންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެފަރާތްތަކުން ވަނީ ތިމަރަފުށީ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް އެދިފައެވެ.

ރައްޔިތުންގެ އެވާހަކަތަކަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހޮސްޕިޓަލެއް ހުންނަކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އަތޮޅުތަކުގެ އާބާދީ ބޮޑެތި ރަށްތަކަށް ޚާއްޞަކޮށްގެން "މިޑް ރޭންޖު"ގެ ހޮސްޕިޓަލްތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން 21 ރަށެއްގައި "މިޑް ރޭންޖު" ހޮސްޕިޓަލް އެޅުމަށް ރަށްތައް ޝޯޓްލިސްޓްކުރެވިފައިވާކަމަށާއި، އެ ހޮސްޕިޓަލްތައް އެޅުމަށް ބޭނުންވާ ފައިސާވެސް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ތިމަރަފުށީ ސިއްޙީ މަރުކަޒުވެސް ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިހާރު ހުރި ސިއްޙީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތްތަކެއް އެބަކުރިއަށްގެންދަން ކައުންސިލާ ހަވާލުކޮށްގެން. އޭގެ އިތުރުން އެބަހަދަން "މިޑް ރޭންޖު" ހޮސްޕިޓަލްތަކެއް. ކޮންމެ އަތޮޅެއްގައި އެބަހުރޭ އަތޮޅު ހޮސްޕިޓަލެއް. އޭގެ އިތުރުން އާބާދީ ބޮޑެތި ރަށްރަށުގައި އިތުރު ހޮސްޕިޓަލެއް އެބަހަދަން. އެގޮތުން މިހަދާ ހޮސްޕިޓަލްތަކުގެ ތެރޭގައި މިރަށް ހިމަނަން މަސައްކަތްކުރާނަން. މިހާރު 21 ހޮސްޕިޓަލެއް އެބައޮތް ޝޯޓްލިސްޓްކޮށްފައި. ފައިނޭންސް ހޯދާފައި. ދެން އަންނަ ބުރެއްގައި ތިމަރަފުށި ލާދޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެރަށު ވިޔަފާރިވެރިންވަނީ ބަނދަރުގެ ދަތިތަކަންވެސް ރައީސްއާއި ހިއްސާކުރައްވާފައެވެ. އެގޮތުން ބަނދަރުގެ ޖާގަ ކުޑަވެ ބޮޑެތި އުޅަނދުފަހަރަށް އެ ބަނދަރަށް ވަނުމުގައި ދަތިތަކެއްހުރިކަން ރައްޔިތުން ރައީސްއާއި ހިއްސާކުރެއްވިއެވެ. ރައީސް ވަނީ ތިމަރަފުށީ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ތިމަރަފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ހިމަނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ހުރި ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ސަރުކާރުންވަނީ ފަށާފައެވެ. އަދި އަތޮޅުތަކުގައި ހުރި ސިއްހީ މަރުކަޒުތަކަކީވެސް ރަށުފެންވަރުގައި އެކަށީގެންވާ ފަރުވާ ލިބޭނެ ތަނަކަށް ހެދުމުގެ މަސައްކަތްތައްދަނީ ކުރަމުންނެވެ.

އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ތަރައްޤީކުރުމަށް ކުރިއަށްގެންދާ އެންމެމުހިންމު މަސައްކަތަކީ ރާއްޖޭގެ 5 ސަރަޙައްދެއްގެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތެވެ. މިމަސައްކަތަކީ ސިއްހީ ޚިދުމަތް ހޯދުމަށް މާލެ އަންނަންޖެހޭ އައުމަށް ނިމުމެއް ގެނެސް، އަމިއްލަ ރަށުގައި ނުވަތަ ސަރަޙައްދުގައި ތިބެގެން ޚިދުމަތްލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ.