އުސޫލާ ޚިލާފަށް އުޅެމުންދާ ފަތުރުވެރިން ހޯދާ ފިޔަވަޅުއެޅުމަށް ޚާއްސަ އިސްޕެކްޝަނެއް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި މިއިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ޕޮލިސް ސާރވިސްއާއި މިނިސްޓްރީ އޮފް ޓުއަރިޒަމާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި އެޗްޕީއޭ ގުޅިގެންނެވެ.
މިއިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ނިންމީ ރާއްޖެ އަންނަ ފަތުރުވެރިން މާލެއާއި މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނެ އުސޫލް އެޗްޕީއޭއިން ހާމަކުރައްވާފައިވަނިކޮށް މިއުސޫލާ ޚިލާފަށް ގިނައަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާތީ، މިއުސޫލުތައް ގާއިމުކޮށްފައިވާ މަޤުޞަދު ހާސިލުކުރުމަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ، އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.
އެޗްޕީއޭއިން އާއްމުކޮށްފައިވާ އުސޫލްގައިވާ ގޮތުން 26ޖުލައި 2021 އިން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނީ WHOއިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކޯވިޑް ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ރާއްޖެއަށް ދަތުރުކުރާ ތާރީޚަށް 14 ދުވަސް ވެފައިވާ ފަރާތްތަކަށެވެ. އަދި ވެކްސިންގެ ޑޯޒްތައް ހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ
ރަށްރަށުގައި ހޮޓާތަކާ، ގެސްޓް ހައުސް ތަކުގައި ތިބެވޭނީ އެރަށެއްގެ މުޅި އާބާދީގެ %60 އަށް މަތިވެފައިވާނަމަ ކަމަށްވެސް އެޗްޕީއޭގެ އުސޫލްގައި ހާމަކޮށްފައިވެއެވެ.
އެޗްޕީއޭއާއި ކަމާ ގުޅުންހުރި އެހެން އިދާރާތަކާއި ގުޅިގެން މިއިންސްޕެކްޝަން ފެށުމަށް ހަމަޖެހިފައިވާއިރު ހޮޓަލެއްގެ ނަމުގައި ބުކިން ހައްދައިދީ, އޮޅުވާލައިގެން ރާއްޖެއަށް ޓޫރިސްޓުންތަކެއް ގެނެސް އެ މީހުން މަގުމަތިކުރި މައްސަލައެއްވަނީ ފެންމަތިވެފައެވެ.
ހިއުމަން ޓްރެފިކިނގް އާ ޓޫރިޒަމާ ވަރަށް ތަފާތު.
— Abdulla Mausoom (@Mausoom_Maus) August 15, 2021
ތަންތަނުގައި ޓޫރިސްޓުން ހުއްދަނެތި ބޭތިއްބުން އެއީ ޓޫރިޒަމެއްނޫން، އެއީ އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިންގް).
ކަމާގުޅޭ އިދާރާތަކުން އެފަދަކަންތައްތައް ބަލާ ފިއަވަޅު އަޅުއްވާނެކަމުގެ ހަބަރު ލިބުމުން ކުޑަކޮން ހިތްހަމަޖެހިއްޖެ.
މިކަމާ ގުޅިގެން ޓުރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީީ ހިއުމަން ޓްރެފިކިނގް އާއި ޓޫރިޒަމާ ވަރަށް ތަފާތު ކަމަށާއި ތަންތަނުގައި ޓޫރިސްޓުން ހުއްދަނެތި ބޭތިއްބުން އެއީ ޓޫރިޒަމެއްނޫން ކަމަށެވެ. އަދި އެއީ އިންސާނީ ވަގުފާރި ކަމަށް މިނިސްޓަރވަނީ ސިފަ ކުރައްވާފައެވެ.
މިއިންސްޕެކްޝަންތަކާ ގުޅިގެން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 6:00 އަށް 7264574 ނަމްބަރަށް ގުޅައިގެން މަޢުލޫމާތު ސާފްކޮށްލެވޭނެ އިންތިޒާމް އެޗްޕީއޭއިންވަނީ ހަމަޖައްސަވާފައެވެ. އަދި މިއިންސްޕެކްޝަނާއި ގުޅިގެން ޝަކުވާ ހުށައަޅަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރެއްވުމަށް އެޗްޕީއޭއިންވަނީ އެދިވަޑައިގެންފައެވެ.