ޚަބަރު

އަފްޣާނިސްތާނުން 2،000 މީހުން ޔުގާންޑާއަށް ގެންދަނީ


އެމެރިކާގެ ސަރުކާރުގެ އެދުމުގެ މަތިން އަފްޣާނިސްތާނުގެ 2،000 ރައްޔިތުންނަށް އެހީތެރިވެ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ޔުގާންޑާއިން ބުނެފިއެވެ.

އިރުމަތީ އެފްރިކާގައި އޮންނަ ޔުގާންޑާގެ ސަރުކާރުން ބުނެފައިވަނީ އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާން ޖަމާޢަތް އައުމުން އެ ޤައުމު ދޫކޮށް އެތައް ހާސް މީހުންނެއް ދާން ބޭނުންވެފައިވާކަމަށާއި އެ ކަމުގައި ޔުގާންޑާއިން ވަޤުތީ ޙައްލެއް ހޯދައިދިނުމަށް ނިންމާފައިވާކަމަށެވެ. އެ ގޮތުން އަފްޣާނިސްތާނުގެ 2،000 މީހުން ޔުގާންޑާގައި ތިން މަސްދުވަހު ބޭތިއްބުމަށް ނިންމާފައިވާކަމަށާއި އެއަށްފަހު އެމެރިކާއިން އެ މީހުން އެހެން ޤައުމެއްގައި ވަޒަންވެރިކުރުވުމަށް ނިންމާފައިވާކަމަށް ޔުގާންޑާގެ ސަރުކާރުން ބުނެފައިވެއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އަފްޣާނިސްތާނުގެ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އޮތީ އެމެރިކާގެ ސިފައިންގެ ބާރުގެ ދަށުގައިކަމަށާއި ކުރިޔަށް އޮތް ދެ ހަފުތާގެ ތެރޭގައި 22،000 މީހުން އަފްޣާނިސްތާނުން ސަލާމަތްކުރުމަށް ނިންމާފައިވާކަމަށެވެ. އޭގެ ތެރޭގައި ފާއިތުވި 20 އަހަރުދުވަހުގެ ތެރޭގައި އެމެރިކާގެ ފައުޖުތަކަށް އެކި ގޮތްގޮތުން އެހީތެރިވި އަފްޣާނިސްތާނުގެ އެތައް ހާސް ރައްޔިތުންނާއި އެ މީހުންގެ ޢާއިލާތަކާއި ކާބުލްގައި ހުންނަ އެމެރިކާގެ އެންބަސީގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެއެވެ.

ވިލާތުގެ ޤައުމުތައްކަމަށްވާ އަލްބޭނިޔާއާއި ކޮސޯވޯއިންވެސްވަނީ އެމެރިކާގެ އެދުމުގެ މަތިން އަފްޣާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިވެ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފައެވެ. އޭގެ އިތުރުން އަފްޣާނިސްތާނުން ޙިޖުރަކުރާ މީހުންނަށް އެ ޤައުމާ އިންވެގެން އޮންނަ ތަޖިކިސްތާނާއި އުޒުބަކިސްތާނާއި ތުރުކުމަނިސްތާނުން ޙިމާޔަތާއި ރައްކާތެރިކަން ދެވޭނެ ގޮތްތަކާމެދުވެސް އެމެރިކާއިންވަނީ މަޝްވަރާކޮށްފައެވެ.

އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް އެމެރިކާގައި ވަޒަންވެރިވުމަށް މަގުފަހިވާ ޚާއްޞަ މަޝްރޫޢެއް އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ އިފްތިތާޙްކޮށްފައެވެ. އެ މަޝްރޫޢުގެ ދަށުން އެމެރިކާގައި ވަޒަންވެރިވާން ބޭނުންވާ އަފްޣާނިސްތާނުގެ ރައްޔިތުން އެހެން ޤައުމަކަށް ޙިޖުރަކޮށް އެ ޤައުމުތަކުގައި 12 ނުވަތަ 14 މަސްދުވަހު ދިރިއުޅުމަށްފަހު އެމެރިކާގައި ވަޒަންވެރިވުމަށް އެދެވޭނެއެވެ. އެ ގޮތުން ކަނޑައެޅިފައިވާ މުއްދަތު ފުރިހަމަކުރުމަށް އަފްޣާނިސްތާނުގެ އަވަށްޓެރި ޤައުމުތަކުން ޙިޖުރަވެރިން ބަލައިގަތުމަށް އެމެރިކާއިންވަނީ ބާރުއަޅައިފައެވެ.