ޚަބަރު

މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި


މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. ޒުވާނުންގެ އެވޯޑް މިއަހަރު ތަފާތު 18 ދާއިރާއަކުން ދިނުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވަނީ ނިންމަވާފައެވެ.

ޒުވާނުންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.

މިއަހަރު މި އެވޯޑް ދޭން ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ވިޔަފާރިއާއި އިޤްތިޞާދު، ފަންނުވެރި ޒުވާނާ، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން، ޞިއްޙީ ނުރަނގަޅު އާދަތަކާދެކޮޅަށް މަސައްކަތްކުރުން، ކުޅިވަރަށް ޚިދުމަތްކުރުން، ދަރުމަވެރިކަން، ވޮކޭޝަނަލް ޓްރެއިނިންގ، ނަފްސާނީ ދުޅަހެޔޮ ޞިއްޙަތެއް ބިނާކުރުމަށް މަސައްކަތްކުރުން، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި މަސްވެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން، ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން، ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއް ބިނާކުރުމަށް މަސައްކަތްކުރުން، ދިވެހިބަހާއި ސަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިންވެސް މިއެވޯޑް ދިނުމަށްވަނީ ނިންމާފައެވެ.

މީގެ އިތުރުން ޚާއްޞަ އިނާމުގެ ގޮތުގައި ދެއްވާ ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީފިލާއާއި، ނޭޝަނަލް ޔޫތު ވޮލެންޓިއަރ ޕްރޮގްރާމުގެ ތެރެއިން ޔޫތު މިނިސްޓަރ ދެއްވާ ޚާއްޞަ އިނާމުވެސް މިއެވޯޑުގެތެރޭގައި ހިމެނެއެވެ.

މި ދާއިރާތަކުން އެވޯޑަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 36 ދެމެދުގެ ޒުވާނުންނަށެވެ. މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން، 15 ސެޕްޓެމްބަރ 2021 ބުދަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ޔޫތު މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 13:30 އަށްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ޚާއްޞަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެން ދާނެއެވެ. ރާއްޖޭގައި ޒުވާނުންގެ ދުވަސް މިއަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޯބަރު 2021 ގައެވެ.