ޚަބަރު

އައްޑޫ ސިޓީން 800 ށްވުރެ ގިނަ މައްސަލަ ފުލުހުން ހުށަހަޅާފައިވޭ


އައްޑޫ ސިޓީން ނޮވެމްބަރ މަހުގެ 15 އާ ހަމައަށް 800އަށްވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ސައުތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވެއްޖެއެވެ.ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ސައުތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ، އައްޑޫ ސިޓީން މިއަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހާ ހަމަޔަށް 800 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެެރެއިން ބައެއް މައްސަލަތަކުގެ ތަޙުޤީޤް ނިންމާ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ޗީފް އިންސްޕެކްޓަރ ޙުސައިން ސަމީރު ވިދާޅުވީ، އައްޑޫ ސިޓީން މިއަހަރު ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެެއްޗާއި ގުޅުން ހުރި މައްސަލަތައް ކަމަށެވެ. އެހެންނަމަވެސް ގެވެށި އަނިޔާއާއި ގޭތެރޭގައި ހިނގާ ހަމަނުޖެހުމާއި ގުޅުންހުރި މައްސަލަތައްވެސް އައްޑޫ ސިޓީ ޕޮލިހަށް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ޗީފް އިންސްޕެކްޓަރ ވިދާޅުވި އެވެ. މީގެ އިތުރުން ފުވައްމުލަކުންވެސް އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައިވަނީ ގެވެށި އަނިޔާގެ މައްސަލަތަކާއި، ޖިންސީ ގޯނާގެ އިތުރުން މަސްތުވާތަކެއްޗާއި ގުޅުހުންހުރި މައްސަލަތައް ކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރު ވަނީ ވިދާޅުވެފަ އެވެ. އައްޑޫ ސިޓީއަކީ ކުށްމަދު އަމާން ތަނަކަށް ހެދުމުގެ ގޮތުން އައްޑޫ ސިޓީގެ ރައްޔިތުން ހޭލުންތެރި ކުރުމަށް ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށާއި އޭގެ އިތުރަށް ރަށުތެރޭގައި ޚާއްސަ އޮޕަރޭޝަންތައް ހިންގަމުން ގެންދާ ކަަމަށް ޗީފް އިންސްޕެކްޓަރ ޙުސައިން ސަމީރު ވަނީ ވިދާޅުވެފައި އެވެ.