ޚަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މަހްލޫފާއި އަކްރަމަށް ގެއްލިއްޖެ


ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް ފުރުސަތު ގެއްލިއްޖެއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން ވަނީ ނިންމާފައެވެ. އިންތިޚާބުގައި ވާދަކުރެވޭ ކެނޑިޑޭޓުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިނިސްޓަރ މަހުލޫފްއަށާއި، އަކްރަމްއަށް ގެއްލުނީ އެޕާޓީގެ ހިންގާ ކޮމެޓީން ފާސްކޮށްފައިވާ ޝަރުތުތައް ހަމަނުވުމުންނެވެ. ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރެވެނީ އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިނުވާ މީހުންނަށާއި، ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރެއިން މީހަކު މެރުމާއި ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ކުށްތަކުން ބަރީއަވެގެންވާ މީހުންނަށް ކަމަށެވެ. މީގެއިތުރުން އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން އޭސީސީން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ ފަރާތްތަކަށް ވާދަ ނުކުރެވޭނެ ކަމަށް ހިންގާ ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.

އެމްޑީޕީން މިނިސްޓަރ މަހްލޫފަށާއި އަކްރަމަށް ފޮނުވި ސިޓީއެއްގައި ބުނީ އެދެބޭފުޅުންގެ މައްސަލައެއް ބަލަމުން އަންނަކަމަށް އޭސީސީން ބުނެފައިވާ ކަމަށާއި، އެހެންކަމުން ދެ ބޭފުޅުން އިންތިހާބަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން މަހްލޫފް ވިދާޅުވީ ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނދެވިފައި، ގައުމީ މަޖިލީހުގެ އިންތިޚާބުގަ ވާދަނުކުރެވުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށެވެ. އަދި ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު އިންތިޚާބުގައި ވާދަކުރެވެންވާނެކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ އެމްޑީޕީގެ ނިންމުމަކީ، އެމްޑީޕީން ވަކާލާތުކުރާ ހައްޤުތަކާއި ދެކޮޅު، ޑިމޮކްރެސީގެ ރޫހާވެސް ހިލާފު ނިންމުމެއްކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މިނިސްޓަރ މަހުލޫފަށް ދައުވާ ކުރަން ފޮނުވާފައިވާއިރު، މިމައްސަލާގައި ދައުވާ ކުރުމާއިމެދު ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނިންމަވާފައިނުވެއެވެ. މިމައްސަލާގައި އަކްރަމްގެ މައްޗަށް އަދި މިހާތަނަށް ދައުވާ ކުރުމަށް ފޮނުވާފައި ނުވެއެވެ.

ސިޓީތަކާއި ދާއިރާތަކުގެ ޖުމްލަ 455 މަޤާމަކަށް މިހުން އިންތިޚާބުކުރަން ވަނީ ނިންމާފައެވެ.