ދުނިޔެ

ޗެންނާއީގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހިފައި


އިންޑިޔާގެ ދެކުނުގެ ޓެމިލްނާޑު ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޗެންނާއީއަށް ވެހެމުންދިޔަ ވާރޭ ކޮންމެވެސް ވަރަކަށް ހުއްޓިފައި އޮތުމަށްފަހު ރޭ އަނެއްކާވެސް ބޯކޮށް ވާރޭވެހި، ހިނދެމުންދިޔަ ފެންގަނޑު ބޮޑުވާން ފަށައިފިއެވެ.ޓެމިލްނާޑު ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޗެންނާއީގައި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 280 އަށް އަރާފައިވާކަމަށް ޗެންނާއީގެ އޮފިޝަލުން ހާމަކުރެއެވެ.ރޭ އަލުން ބޯކޮށް ވާރޭ ވެހެންފެށުމާއެކު، މީހުން ސަލާމަތް ކުރުމަށާއި ޙާލުގައި ޖެހިފައިތިބި މީހުނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް މިހާރުވަނީ މަޑުޖެހިފައެވެ. އިއްޔެ ކުރި މަސައްކަތުން ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ތާށިވެފައިތިބި މީހުންގެ ތެރެއިން ދެހާހެއްހާ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރެވިފައިވާ ކަމަށް އެޤައުމުގެ އަސްކަރިއްޔާއިން ހާމަކުރެއެވެ.ޓެމިލްނާޑޫ ސްޓޭޓަށް މިފަހަރު ކުރަމުންމިދާ ވިއްސާރައަކީ މިފަހަކަށް އައިސް އެސްޓޭޓަށް ކުރި އެންމެ ނުރައްކާތެރި ވިއްސާރަކަމަށް އޮފިޝަލުން ހާމަކުރެއެވެ.ޓެމިލްނާޑޫ ސްޓޭޓްގެ ވެރިރަށް ޗެންނާއީގައި ނުރައްކާތެރި ދަރަޖައަށް ފެންބޮޑުވެ، އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.ފެންބޮޑުވެފައިވާ ބައެއް އަވަށްތަކުގައި ފެންނަން ހުރީ ހަމައެކަނި ގެތަކުގެ ފުރާޅެވެ. މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ދަނީ، ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ތިބި މީހުންނަށް ކާނާއާއި، އެހީ ފޯރުކޮށްދެމުންނެވެ.އެހީ ފޯރުވައިދިނުމުގައި ޓީމްތައް ޙަރަކާތްތެރިވި ނަމަވެސް، ފެންބޮޑުވެފައިވާ ގިނަ ސަރަޙައްދުތަކަށް އަދިވެސް އެހީ ލިބިފައިނުވާ ކަމަށް ޚަބަރުލިބެއެވެ. ފެންބޮޑުވުމާއި ގުޅިގެން ޗެންނާއީގެ ވައިގެ ބަނދަރާއި، ރޭލް ސްޓޭޝަންވެސް ވަނީ ބަންދުކޮށްފައެވެ.މިކަމާއި ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ފެންބޮޑުވެފައިވާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި، އެހީ ފޯރުވައިދިނުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 150 މިލިޔަން ޑޮލަރުގެ އެހީގެ ޕެކޭޖެއް މޯދީ ވަނީ އިޢުލާންކުރައްވާފައެވެ.ފެންބޮޑުވުމާއި ގުޅިގެން ޗެންނާއީގައި ތިން މިލިޔަނެއްހާ މީހުން ހާލުގައި ޖެހިފައިވާކަމަށް އޮފިޝަލުން ހާމަކުރެއެވެ.