ޚަބަރު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލާއެކު، 32 ބިލެއް މަޖިލީހަށް!


މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލާއެކު، 32 ބިލެއް މަޖިލީހަށް ފޮނުވަން ނިންމާފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 82 ވަނަ މާއްދާގެ ރ ގެ ދަށުުން މަޖިލީހަށް ހުށަހަޅަން ގަސްތުކުރާ ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ފޮނުއްވާފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމުގެކުރިން، އެ ދައުރަކަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ގަސްތުކުރާ ބިލުތަކުގެ ލިސްޓެއް ސަރުކާރުން މަޖިލީހަށް ފޮނުވަންވާނެކަމަށެވެ. އަދި އެލިސްޓު މެމްބަރުންނާއި ހިއްސާކުރަންވާނޭކަމަށްވެސް ގަވާއިދުގައިވެއެވެ.

މަޖިލީޙުގެ ގަވާއިދުގެ ދަށުން ފޮނުވަންޖެހޭ ބިލުތަކުގެ ލިސްޓް ފޮނުވާފައިވާއިރު، އޭގެތެރޭގައި މުހިއްމު ބިލުތަކެއް ހިމެނެއެވެ. އޭގެތެރޭގައި ހެއްކާއިބެހޭ ބިލާއި، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދޭ ބިލާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލާއި، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލުވެސް ހިމެނެއެވެ. މީގެ އިތުރުން ބައެއް ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުތައްވެސް ސަރުކާރުން ފޮނުއްވި ލިސްޓުގައި ހިމެނެއެވެ.

މަޖިލީހަށް ހުށަހަޅަން ގަސްތުކުރާ ބިލުތަކުގެ ލިސްޓެއް ފޮނުއްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިއަދު ވަނީ ފަށާފައެވެ.