ޚަބަރު

ސްކޫލެއް ރަހުނުކޮށްގެން ދަރަންޏެއް ނުނަގާނެ: ފިނޭންސް މިނިސްޓްރީ


ރާއްޖޭގެ އެއްވެސް ސްކޫލެއް ރަހުނުކޮށްގެން ދައުލަތަށް ދަރަންޏެއް ނަގަން މަސައްކަތް ނުކުރާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ދައުލަތަށް ފައިސާ ހޯދުމަށްޓަކައި މާލޭގެ ސްކޫލުތަކެއް ރަހުނުކުރަން އުޅޭކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފެތުރުމާއި ގުޅިގެނެވެ. އެގޮތުން އިސްކަންދަރު ސްކޫލް، ތާޖުއްދީން ސްކޫލް، ގިޔާސުއްދީން ސްކޫލް، އިމާދުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ރެހެންދި ސްކޫލާއި، އީޕީއެސް އާއި އެމްއީއެސް ހިންގި އިމާރާތް އަދި ސީއެޗްއެސްއީ ސުކޫކް ވިއްކަން އެސެޓެއްގެ ގޮތުގައި ބަހައްޓަން ނިންމާފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ދޮގު ޙަބަރު ފަތުރާފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ އެސެޓެއްގެ ގޮތުގައި އެއްވެސް ސްކޫލެއް ބޭނުންކޮށްގެން ދައުލަތަށް އެއްވެސް ދަރަންޏެއް މިހާތަނަށް ނަގާފައި ނުވާނެކަމަށެވެ. އަދި ސްކޫލެއް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އެސެޓެއް ރަހުނުކޮށްގެން ދައުލަތަށް ދަރަންޏެއް ނެގުމަކީ މިސަރުކާރުގެ ވިސްނުމުގައިވާ ކަމެއް ނޫންކަމަށާއި، އަދި ކުރާނެކަމެއްވެސް ނޫންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

ސަރުކާރުގެ ހަރަދުތައް މެނޭޖުކުރަން މި އަހަރުގެ ފަހުކޮޅު އިތުރު ސުކޫކެއް ވިއްކާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ހާމަކޮށްފައެވެ. އެގޮތުން ސަރުކާރުން ފަށާފައިވާ އެއް ބިލިއަން ޑޮލަރުގެ ސުކޫކް ވިއްކުމުގެ ޕްރޮގްރާމުގެ ދަށުން އަންނަ އަހަރުވެސް ސުކޫކެއް އިޝޫ ކުރުމުގެ ފުރުސަތު ސަރުކާރަށް އޮންނާނެ ކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ސްކޫކް ވިއްކުމުގައި ހަދަމުންދާ އެއްބަސްވުންތައް އޮންނަގޮތުން ސުކޫކެއް އަނބުރާ ނުދެއްކުނަސް، ދައުލަތުގެ މުދާ ވިއްކައެއް ނުލާނެއެވެ.