ޚަބަރު

ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ސުޒެއިން، އެސިސްޓަންޓަކަށް އިންމަ


އޮކްޓޫބަރު މަހު ރާއްޖޭގައި އޮންނަ ސާފް ޗެންޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމުގެ ހެޑު ކޯޗަކަށް އަލީ ސުޒޭން ހަމަޖައްސައިފިއެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެއިން ނެރެފައިވާ ދަށް ނަތީޖާތަކުގެ ސަބަބުން އެފްއޭއެމްއިން ވަނީ ޤައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް ވާހަކަ ދެއްކުމަށްފަހު އުވާލާފައެވެ. ދިވެހި ކޯޗުންގެ ތެރެއިން ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗް އަލީ ސުޒޭންއާއެކު ގައުމީ ޓީމްގައި މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ އެސިސްޓަންޓް ކޯޗްއަކީ އިސްމާއިލް މަހަފޫޒް (އިންމަ) އަދި ގޯލްކީޕަރު ކޯޗުންގެ ގޮތުގައި ހުރީ ކުރިން ވެސް އެ މަގާމުގައި ހުރި އިމްރާން މުހައްމަދާއި އަސްލަމް އަބްދުއްރަހީމްއެވެ. އަދި ޓީމު ޑޮކްޓަރަކީ އަބްދުﷲ ރާފިއު (ރާއްޕެ)އެވެ.

އެފްއޭއެމްގެ ރަައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވިދާޅުވެފައިވަނީ ސާފް ޗެމްޕިއަންޝިޕްއަށް ނިކުންނަ ގައުމީ ޓީމްގެ މުޅި ކޯޗުން ސްޓާފުން، އެއްކޮށް ދިވެހިންނަށް ބަދަލުކޮށްލުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި މިއީ ދިވެހި ކޯޗުންނަށް އެކޯޗުންގެ ފެންވަރު ދައްކާލުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއްކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ގައުމީ ޓީމްގެ އެސިސްޓްންޓް ކޯޗްއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އަލީ ސުޒޭންވަނީ މިދިޔަ ޖޫންމަހުގައި ކުރިއަށްދިޔަ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ކޯޗް މާޓިން ކޫޕްމަންގެ އެސިސްޓަންޓްއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ދާދިފަހުން ސުޒޭންވަނީ ގައުމީ 23 އަހަރުން ދަށުގެ ޓީމްގެ ހެޑްކޯޗްއަކަށްވެސް ހަމަޖައްސާފައެވެ. މީގެ ކުރިންވެސް ސުޒޭންވަނީ ގައުމީ 23 އަހަރުން ދަށުގެ ޓީމްއަށް ކޯޗްކޮށްދީފައެވެ. ސުޒޭންވަނީ ރާއްޖޭގެ ގިނަ ކުލަބްތަކަށްވެސް ކޯޗްކޮށްދީފައެވެ. މާޒިޔާ އަދި ވިކްޓްރީ ސްޕޯޓްސް ކުލަބް ފާހަގަކޮށްލެވެއެވެ. މީގެ ތެރެއިން ސުޒޭންވަނީ ވިކްޓްރީ ސްޕޯޓްސް ކުލަބްގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.

އިސްމާޢީލް މަހެފޫޒް (އިންމަ)ވަނީ މީގެ ކުރިން ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗްއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ތިން އަހަރު ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗްއެއްގެ ގޮތުގައި މަސައްކަތްކުރި އިތުގައި އިންމަވަނީ ބައެއް ފަހަރުތަކުގައި ހެޑް ކޯޗްއެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ. އިންމަ އެންމެފަހުން ކޯޗްކޮށްދީފައިވަނީ ފުރަތަމަ ޑިވިޝަންގައި ވާދަކުރި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބްއަށެވެ.

މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ސާފްގެ ކުރިން އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕް، ގުރޫޕް ޑީގެ މެޗްތައް މާލޭގައި ކުރިއަށްދާނެއެވެ. މިމެޗްގައި ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ފިޒާ

އުފާވެރި ފެށުމެއް އިންޝާﷲ ރަނގަޅުވާނެ! މަރުޙަބާ ސުޒޭން އަދި އިންމަ !