ވެލާނާ އިންޓަރނޭޝަލް އެއަޕޯޓްގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާ ހަވާލުކޮށްފައިނުވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވިދާޅުވެއްޖެއެވެ.
އެމްއޭސީއެލްއިން މިހެން ވިދާޅުވީ އާ ސީޕްލޭންގެ މަސައްކަތް ނިންމާ ހަވަލުކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރުމާއި ގުޅިގެނެވެ. މިކަން ދޮގުކޮށް އެމްއޭސީއެލްއިން ނެރުނު ނޫސް ބަޔާނުގައި ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކޮށްފައި ނުވާކަމަށެވެ. ނަމަވެސް މިމަހުގެ 4 ވަނަ ދުވަހު, ޓާމިނަލުގެ ލައުންޖުތައް ހިމެނޭ ސަރަހައްދު ހަވާލުކޮށްފައިވާކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
ޓާމިނިލްގެ މަސައްކަތް ކުރަމުންދާ ޗައިނާގެ ޗައިނީސް ކޮންޓްރެކްޓާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕުން އެކްޒެކެޓިވް ލައުންޖުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ހަވާލުކޮށްފައިވަނީ އެތަންތަން ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކަށް ތަން ނިންމުމުގެ ފުރުސަތު ދިނުމަށްކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އަދި އެތަންތަން އެމްއޭސީއެލްއާ ހަވާލުކުރިނަމަވެސް އެތަންތަނުގައި އަދިވެސް ކުރަން ޖެހޭ މަސައްކަތް އެބަހުރި ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
އާ ސީޕްލޭން ޓަރމިނަލަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ 1.2 ބިލިއަން ޑޮލަރުގެ މަޝްރުޢޫގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢުއެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކުރާ ޓަރމިނަލްގެ މަސައްކަތް ކުރުމަށް ހުޅުލެއިން 3.5 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. މި ޓަރމިނަލް ތަރައްޤީކުރަމުންދަނީ 28 އަކަމީޓަރުގެ ސަރަޙައްދެއްގައި، 4 ފަންގިފިލާއަށެވެ. ޓަމިނަލްގައި ލޮބީތަކާއި ލައުންޖް އަދި އިދާރީ މަސައްކަތްތަކަށް ޚާއްސަ ސަރަޙައްދުތައްވެސް ހިމެނެއެވެ.
އާ ޓަރމިނަލްގެ އެންމެ ބޮޑު އެއް ބޭނަމަކީ ސީޕްލޭން ޑޮކްތަކުގެ ޖާގަ އިތުރުކުރުމެވެ. އެގޮތުން ޑޮކްތަކުގެ ޖާގަ %50 އަށް އިތުރުކޮށް، 80 އަށްވުރެ ގިނަ ސީޕްލޭން އޮޕަރޭޓްކުރެވޭނެ ޖާގަ މިތަނުގައި ތަނަވަސްވެގެންދާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.