ރިޕޯޓް

ފަންނީ ދާއިރާއަށް ނުކުތުމަށް އަންހެނުންނަށް ހުރި ފުރުޞަތުތައް އިތުރުކޮށްދޭންޖެހޭ: ޖީހާން


ރާއްޖޭގައި ފަންނީ ދާއިރާގައި ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާތަކަށް އަންހެނުން ނުކުތުމަށް ހުރި ފުރުޞަތުތައް އިތުރުކޮށް، ތަމްރީން ހޯދުމުގެ ފުރުޞަތުތައް އިތުރުކޮށްދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ވިދާޅުވެއްޖެއެވެ.

ޖީހާން މިހެން ވިދާޅުވީ، ސްޓެލްކޯއިން އިސްނަގައިގެން އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ "ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރީޝަން ކޯސް"ގެ ނިމުން ފާހަގަކޮށް، ސެޓިފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖީހާން ވިދާޅުވީ، ރާއްޖޭގައި އެންމެފަހުން ހެދުނު ހައުސް ހޯލްޑް އިންކަމް އެކްސްޕެންޑިޗަރ ސަރވޭއިން ދައްކާގޮތުގައިވެސް ފަންނީ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނަށްވުރެ ފިރިހެނުންގެ ނިސްބަތް އިތުރުކަމަށާއި، އާމްދަނީގެ ފަރަޤުވެސް އެހާމެ ބޮޑުކަމަށެވެ. އަދި މަޤާމުގެ ހައިސިއްޔަތަށް ބަލާއިރުވެސް، އިސް މަޤާމްތަކުގައި އަންހެނުން ތިބޭ މިންވަރު މަދުވެފައި، އިސް މަޤާމުތަކަށް އަންހެނުންނަށް ހުރި ފުރުޞަތުތައްވެސް މަދުކަމަށް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ، ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި ނިސްބަތުން ގިނައީ އަންހެނުންކަމަށާއި، ނަމަވެސް އެ މަސައްކަތްތަކަކީ އާމްދަނީގެގޮތުން ބަލާނަމަ ކުޑަ އުޖޫރައެއް ލިބޭ މަސައްކަތްތަކެއްކަމަށެވެ. އަދި ޚިދުމަތުގެ ދާއިރާގައިވެސް ޚާއްސަކޮށް ތަޢުލީމާއި ޞިއްޙީ ދާއިރާ އާއި އިދާރީ މަސައްކަތުގައި އަންހެނުން ނިސްބަތް ގިނަވި ނަމަވެސް އެއީވެސް މުސާރަކުޑަ މަސައްކަތްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ޖީހާން ވަނީ އިލެކްޓްރިކަލް އަދި އިންޖިނިއަރިންގ ފަދަ ފަންނީ ދާއިރާތަކަށް އަންހެނުން ނުކުތުމަށް ހުރި ފުރުޞަތުތައް ރާއްޖޭގައި އިތުރުކޮށްދީ ތަމްރީން ދިނުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

"ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ރަނގަޅު އުޖޫރަ ލިބޭ އަމިއްލައަށްވެސް އަދި ތަނެއްގައިވެސް ވަޒީފާ ހޯދައިގެން އަދާކުރެވިދާނެ ކަހަލަ މިފަދަ ޓެކްނިކަލް މަސައްކަތް، މިފަދަ މަސައްކަތަކީ ވަކި ޖިންސެއްގެ ބަޔަކު ހަމައެކަނިކުރާ މަސައްކަތެއްކަމަށް ޤަބޫލުކުރެވިފައިވާތީ މިއީ ވަރަށް ބޮޑު ގޮންޖެހުމެއް ޖުމްލަގޮތެއްގައި އަންހެނުންނަށް މަސައްކަތްކުރުމާއި، އަމިއްލަ ފައިމައްޗަށް ތެދުވެ ރަނގަޅު އާމްދަނީއެއް ހޯދުމަށް" ޖީހާން ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރުކަންވެސް ކުރައްވާ ޖީހާން ވަނީ ސްޓެލްކޯއިން މި ނެގި އިސްނެގުމަށް މަރުހަބާ ވިދާޅުވެ، މިކޯސް ނިންމި ކަނބަލުން ވެގެންދާނީ މުސްތަޤުބަލުގައި މި ދާއިރާއަށް ނިކުންނަށް ބޭނުންވާ އަންހެނުންނަށް ހިތްވަރަކަށް އަދި ބިންގަލަކަށްވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، ސްޓެލްކޯއަކީ ކަރަންޓުގެ ސިނާއަތައް ކަނބަލުން ނެރޭ އަދި އިތުރު ކަނބަލުން މި ސިނާއަތައް ނިކުތުމަށް ހިތްވަރުދޭ ކުންފުންޏެއްކަމަށެވެ. އަދި މިކޯހުން ދަސްވެނިވި ފަރާތްތަކަކީ ހައުސް ވަޔަރިން ސެޓްފިކެޓް ހޯދުމުގެ ޝަރުތުހަމަވާ އަދި އެދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުވެސް ތަނަވަސްވެފައިވާ ބައެއް ކަން މުޣުނީ ވަނީ ފާހަގަކުރައްވާފައެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ސްޓެލްކޯއަކީ މަސައްކަތްތެރި ޒުވާނުންތަކެއްގެ ޚިދުމަތް ގައުމަށް ފޯރުކޮށްދޭ މުހިއްމު ޒިންމާތަކެއް އަދާ ކުރަމުންދާ ކުންފުންޏެއް. ތާރީޚީ ގޮތުން ބަލާނަމަ މި ސިނާއަތަކީ ފިރިހެނުން މަސައްކަތް ކުރަމުން ގެންދިޔަ ސިނާއަތެއް. އެހެން ނަމަވެސް މިއަދުގެ މެނޭޖްމަންޓާއެކު، މިކުންފުނި ވެފައިމިވަނީ މި ސިނާއަތައް އަންހެނުން ނިކުތުމަށް ހިތްވަރުދޭ ކުންފުންޏަކަށް" މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ކުރިއަށްގެންދިޔަ "ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރީޝަން ކޯސް"ގައި ޖުމްލަ 20 ފަރާތަކުން ބައިވެރިވި ނަމަވެސް، ކޯވިޑާއި ގުޅިގެން ކުރިމަތިވި ހުރަސްތަކާއެކު އެ ކޯސް ފުރިހަމަ ކުރެވިފައިވަނީ މީގެ ތެރެއިން 10 ބައިވެރިއަކަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ދަސްވެނިވެފައިވަނީ 8 ބައިވެރިއެކެވެ. މިއަހަރު ނިމުމުގެ ކުރިން މި ކޯހުގެ އިތުރު ބުރެއް ބޭއްވުމަށް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.