ޚަބަރު

ސިޓީގެ އެޓޭކަށް ގޮތްތަކެއް ހޯދަން ޖެހޭ: ގާޑިއޯލާ


އިނގިރޭސި ކުލަބު މެންޗެސްޓަރ ސިޓީގެ އެޓޭކަށް ގޮތްތަކަށް ހޯދަން ޖެހޭކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

ލީގުގެ ފުރަތަމަ މެޗުގައި ޓޮޓްނަމް އަތުން ބަލިވުމުން ގާޑިޔޯލާ ބުނީ ޓީމުން ބަލިވިޔަސް ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މެޗުގެ ނަތީޖާ ނުކުތް ގޮތުން ސީޓީން ކޭން ބޭނުންވާ މިންވަރު ހާމަވެގެން ހިނގައްޖެކަމަށް ގާޑިޔޯލާ ބުންޏެވެ. މިއީ 10 އަހަރު ފަހުން ޓީމު ދޫކޮއްލި އެންމެ އިސް ފޯވާޑް ސާޖިޔޯ އަގުއޭރޯ ނުލާ އެ ޓީމުން ލީގުގައި މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ. ގާޑިޔޯލާ ބުނީ އަގުއޭރޯ ފިޔަވާ ޓީމުގެ އެޓޭކު ބޭނުންކުރަން މިދިޔަ ސީޒަނަކޭ އެއްގޮތަށް ކުޅުންތެރިން އެބަތިބި ކަމަށާއި މައްސަލައަކީ ގޯލް ނުޖެހުން ކަމަށެވެ.

އެ ކުޅުންތެރިންގެ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި އެ ކުޅުންތެރިންނަކީ ދިގު ސީޒަނެއްގައި އެތަކެއް ގޯލްތަކެއް ކުލަބަށް ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިންކަމަށެވެ. އޭނާ ބުނީ ޓީމަށް އަލަށް 100 މިލިއަން ޕައުންޑްގެ އަގަކަށް ގުޅުނު ޖެކް ގްރީލީޝްގެ ކުޅުން ވެސް މޮޅުކަމަށެވެ.

މިދިޔަ ސީޒަންގައި ލީގުގެ ޗެމްޕިއަންކަން ހޯދާދިން ކޯޗު ބުނީ ބަލިވި ނަމަވެސް ޓީމުން ދެއްކި ރޫޙު ރަނގަޅުކަމަށާއި އެހާ ބޮޑަށް ތައްޔާރު ނުވެ، ސީޒަނަކާ ކުރިމަތިލާއިރު މިފަދަ ނަތީޖާތަކަކީ އާދައިގެ ކަމެއްކަމަށެވެ. ލީގުގެ ދެވަނަ މެޗުގައި ސިޓީ އަމިއްލަ ދަނޑުގައި ނުކުންނާނީ ނޯވިޗް ސިޓީއާ ދެކޮޅަށެވެ.