ވިޔަފާރި

ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ މަސައްކަތް ފިނޭންސްގެ ދަށަށް


ދަރަނި ބެލެހެއްޓުމުގެ އެންމެހައި ކަންކަން އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތުގެ ތެރެއިން ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ރަށްވެހި ބާޒާރަށް ވިއްކުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ. މިކަމަށްޓަކައި، ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، އެމްއެމްއޭގެ ޤަވަރުނަރ އަލީ ހާޝިމްއެވެ.

ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ޗާޕުކުރުމުގެ ބަދަލުގައި ޑޮމެސްޓިކް މާކެޓް ތަރައްޤީކުރުމަށާއި، ދަރަނީގެ ޕޯޓް ފޯލިއޯ ޑައިވަރސިފައި ކުރުމަށް ޓްރެޜަރީ ބިލާއި ބޮންޑް ފުރަތަމަ ތައާރަފްކުރީ 10 ސެޕްޓެމްބަރ 2006 ގައެވެ. ކުރިން އެމްއެމްއޭގެ ދަށުން މިމަސައްކަތް ކުރަމުންދިޔަ ނަމަވެސް މިހާރު މިވަނީ މި މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، މިއީ ދަރަނި ބަލަހައްޓާ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއަށް އިތުރުވެގެންދާ ބޮޅެއްކަމަށެވެ. އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާއި ވޯލްޑް ބޭންކް އަދި އައިއެމްއެފް ފަދަ މާލީ އިދާރާތަކުގެ ލަފާގެ މަތިން ދަރަނި ބެލެހެއްޓުމުގެ އޮނިގަނޑު ހަރުދަނާކުރުމަށް ކުރެވެންހުރި ކަންތައްތައް ބަލައި، ދިރާސާކޮށް ގެންނަންޖެހޭ ބަދަލުތައް އަބަދުވެސް ގެންނަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން 2019 ވަނަ އަހަރު ވޯލްޑް ބޭންކުގެ އެހީގައި ޑެޓް މެނޭޖްމަންޓް ޕާރފޯމަންސް އެސެސްމަންޓެއް ހެދިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ އަމީރު ވިދާޅުވީ، މި އެސެސްމަންޓްގައި ދަރަނި ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ދަރަނި ބެލެހެއްޓުމުގެ ކަންކަން ސެންޓްރަލައިޒް ކުރުމަށް ފިނޭންސްއަށް ލަފާދީފައިވާކަމަށެވެ. އެގޮތުން އެމްއެމްއޭއާއިއެކު މަސައްކަތްކޮށް ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ޑޮމެސްޓިކް މާކެޓަށް ވިއްކުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއަށް މިހާރު ބަދަލުކުރެވިފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. މި މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ފަންނު އެމްއެމްއޭގެ އެހީތެރިކަމާއިއެކު މިހާރު ވަނީ ފިނޭންސް މިނިސްޓްރީގައި ޤާއިމްކުރެވިފައިކަން މިނިސްޓަރ ފާހާގަކުރެއްވިއެވެ.

"އަޅުގަނޑުމެން ޓްރާންސިޝަން ކޮމިޓީގައި މަސައްކަތްކުރި އިރުވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ރިކޮމެންޑްކުރި އެއްކަމެއް ފިނޭންސް މިނިސްޓްރީން އަޅުގަނޑުމެންގެ ޓްރެޜަރީ އިންސްޓްރޫމަންޓްސް އިޝޫކުރުމުގައި ބަދަލުތަކެއް ގެނައުމަށް. އެގޮތުން މިއަދު އަޅުގަނޑުމެންނަށް މި ކުރެވިގެންދާ ކަމަކީ ދައުލަތުގެ ޓްރެޜަރީ އިންސްޓްރޫމަންޓްސް އަޅުގަނޑުމެން ސީދާ ފިނޭންސް މިނިސްޓްރީން އިޝޫކުރުމުގެ މަސައްކަތް. މީގެ ސަބަބުން އަޅުގަނޑުމެންނަށް ސެކަންޑްރީ މާކެޓް ޑިވެލޮޕްކުރުމަށާއި އަދި އަޅުގަނޑުމެންގެ ދައުލަތުގެ ސެކިއުރިޓީސް މާކެޓް ޑިވެލޮޕްކުރުމަށް ވަރަށް ބޮޑެތި އިތުރު ކުރިއެރުންތައް ލިބިގެންދާނެ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ޤަވަރުނަރ އަލީ ހާޝިމް ވިދާޅުވީ، ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ރަށްވެހި ބާޒާރަށް ވިއްކުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށައް ބަދަލުކުރުމުގެ މަސައްކަތަކީ ހުރިހާ މިނިސްޓަރުންވެސް ކުރި މަސައްކަތެއްކަމަށެވެ. ނަމަވެސް މިމަސައްކަތް ކާމިޔާބު ކުރެއްވީ މިނިސްޓަރ އަމީރުކަން ޤަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ. ކޯވިޑް-19 އާއިއެކު ދަރަނި ބެލެހެއްޓުމުގެ ނިޒާމުގެ ތެރޭގައި ހުރި ގިނަ މައްސަލަތައް އެނގިގެން ގޮސްފައިވާ ކަމަށް ޤަވަރުނަރ ވަނީ ފާހަގަކުރައްވާފައެވެ. ދަރަނި ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކަމާއެކު މޮނިޓަރކޮށް ބަލަހައްޓަންޖެހޭ ކަމަށާއި، ދަރަނީގެ ވާހަކަދައްކާއިރު ޕަބްލިކް އަދި ޕްރައިވެޓް ދަރަނިވެސް މެނޭޖްކުރަންޖެހޭކަން ގަވަރުނަރ ފާހަގަކުރެއްވިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، އެމްއެމްއޭއާއިއެކު ޑޮމެސްޓިކް މާކެޓް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މީގެތެރޭގައި ޑޮމެސްޓިކް މާކެޓަށް އައު އިންސްޓްރޫމަންޓްސްތައް ތައާރަފްކުރުމާއި، ސެކިއުރިޓީ އިޝޫކުރުމުގެ ކަންކަން ހަރުދަނާކުރުމަށް އައިޓީ އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ހިމެނެއެވެ.