ޚަބަރު

އިންޓަރޕޯލްއާ ގުޅިގެން އަލީ ވަޙީދު ރާއްޖެ ގެންނަނީ


ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނައުމަށްޓަކައި އިންޓަރ ޕޯލްއާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ކޯޓުގެ ހުރުމަތް ކަނޑާލައި، ޤާނޫނީ ބާރުވެރިކަން މުގުރާލުމަށް މަސައްކަތް ކުރުމުގެ ކުށުގައި މިމަހުގެ 11 ވަނަ ދުވަހު ސުޕްރީމް ކޯޓުންވަނީ އަލީ ވަހީދު 2 މަހާއި 12 ދުވަހަށް ޖަލަށްލާން ޙުކުމްކޮށްފައެވެ.

ފުލުހުން ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޒުކުރުމަށްޓަކައި އޭނާ ރާއްޖެ ގެނައުމަށް އިންޓަރޕޯލް މެދުވެރިކޮށް ކުރަންޖެހޭ ކަންކަން ފުލުހުން ކުރަމުންގެންދާކަމަށެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށްވެސް މިކަމުގައި އިތުރަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުންކުރި ޙުކުމާއެކު ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، ޙުކުމުގެ އަމުރު ލިބުމާއެކު މިފަދަ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާ އުސޫލުން އެސަރވިސްގެ ބެލުމުގެ ދަށުގައި ނެތް މީހެއްގެ ޙުކުމް ތަންފީޒު ކުރުމަށްޓަކައި، ފުލުހުންގެ ކިބައިން އެދިފައިވާނެކަމަށެވެ.

މިވަގުތު އިނގިރޭސި ވިލާތުގައި ހުރި އަލީ ވަހީދު ޝަރީއަތުގެ މަޖިލީހަށް ކޯޓަށް ހާޒިރުނުވެ، ކޯޓުގެ ޙުރުމަތް ކަނޑާލި މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިން ފަނޑިޔާރު ހުސްނުއް ސުއޫދުވަނީ ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ އަމުރަށް ތަބާވެފައި ނުވާއިރު، ޤާނޫނު އަސާސީއާއި ޤާނޫނުތައް ނެގެހެއްޓުމަކީ ކޯޓުތަކުގެ މަސްއޫލިއްޔަތެއްކަމުން، އެކަން ސުޕްރީމް ކޯޓުން ދަމަހައްޓާނެކަށެވެ. އަދި ހަމައެހެންމެ ޤާނޫނުތަކާއި، ގަވާއިދުތަކަށް އަމަލުކުރުމަކީ ރާއްޖޭގައި ދިރިއުޅޭ މީހުންނާއި، ދިވެހި ރައްޔިތުންގެ މައްޗަށް ވާޖިބު ކަމެއްކަމަށްވާއިރު، ވަކި މީހެއް ފަރަގު ނުކޮށް ހަމަހަމަ ކަމާއިއެކު އެންމެންނާއި މެދު އަމަލުކުރާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކޯޓުން ދިން ހުއްދަޔާއެކުއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެއް ހިމެނެއެވެ.