ޚަބަރު

ސްކޫލްތަކުގެ ބުރަ މަސައްކަތް އޯލެވެލް ނަތީޖާއިން ފެނިއްޖެ: ނާއިބު ރައީސް


ކޮވިޑް19ގެ އުނދަގޫ ޙާލަތާއެކުވެސް ސްކޫލްތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ، އޯލެވެލް އިމްތިޙާނުގައި ނެރުނު ރަނގަޅު ނަތީޖާއިން ފެނިގެން ހިނގައްޖެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް މިހެން ވިދާޅުވީ މިއަދު ވިލިމާލޭގައި ހުންނަ މުހިއްޔިއްދީން ސްކޫލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް މުހިއްޔިއްދީން ސްކޫލަށް ކުރެއްވި ޒިޔާރަތަކީ ދިރާސީ އާ އަހަރަށް ކިޔެވުން ފެށުމާއެކު، ސްކޫލްތަކުގައި ކިޔަވައިދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ. މި ޒިޔާރަތުގަ އެމަނިކުފާނުވަނީ މުހިއްޔިއްދީން ސުކޫލްގެ ދަށުން ހިންގާ "މުހިއްޔުއްދީން ޕްރީސް-ސްކޫލް"ގެ ޙާލަތުވެސް ބައްލަވާލައްވާފައެވެ.

ކްލާސްރޫމްތަކަށް ޒިޔާރަތްކޮށް ދަރިވަރުންނާ ޓީޗަރުންނާ ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ސްކޫލްގެ އިސްވެރިންނާއެކު ބައްދަލުވުމެއް ކުރިއަށްގެންގޮސްފައެވެ.

ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އެންމެ މުހިންމު ކަމެއްގެ ގޮތުގަ ފާހަގަކުރެއްވީ ކޮވިޑް ޙާލަތުގަވެސް ކިޔެވުން މެދުކަނޑާލަން ނުޖެހި ސްކުލްތަކުން ކުރި ހިތްވަރެވެ. އެމަނިކުފާނު ވިދާޅުވީ އޯލެވެލްގައި ދަރިވަރުން ހޯދި ރަނގަޅު ނަތީޖާއިން ސްކޫލްތަކާއި ދަރިވަރުން ގުޅިގެން ކުރި ބުރަ މަސައްކަތް ފެންނަކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ސްކޫލްތަކަށް ކުރާ މިފަދަ ޒިޔާރަތްތަކުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރުގެ ކަމާގުޅޭ މުޢައްސަސާތަކާއި ސްކޫލްތައް ގާތުން ބައްދަލުވެ، ކަންބޮޑުވުންތައް އަޑުއެހުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ ޒިޔާރަތްތަކުގެ ސަބަބުން، ސްކޫލްތަކުގެ ކަންބޮޑުވުންތައް ގާތުން ދެނެގަނެވޭކަމަށެވެ.

"ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިވެނީ ސްކޫލަށް އައިސް ޕްރިންސިޕަލާ މުދައްރިސުންނާ ބައްދަލުވެލީމަ. އަދި ސްކޫލްގެ ކަންކަން ފެނި، އެކަންކަން ހަރުނާކުރަން ސްކޫލްތަކުން ބޭނުންވާ ގޮތްތަކުގެ އަޑު އެހުމަކީ." ނާއިބު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ސްކޫލުން ވަނީ އެ ސްކޫލްގައި ކިޔަވާ ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހައިން ސްކޫލްތެރޭ އުޅެވޭނެ އިންތިޒާމްތައް ފުޅާކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިފައެވެ. އަދި ސްކޫލްގެ ކަންކަމުގަ މުހިއްޔިއްދީންގެ ދަރިވަރުން މާލެއާ ވިލިމާލެއާ ދެމެދު ކުރާ ދަތުރުތަކުގައި، ފެރީން ނަގާ ފީ ކަނޑާލަދެއްވުމަށްވެސް ނާއިބު ރައީސް އަރިހުން އެދުނެވެ. މި ކަންކަމަށް ޙައްލު ހޯއްދަވާދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމަށް ނާއިބު ރައީސް ވަނީ ވިދާޅުވެފައެވެ.

މި ޒިޔާރަތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީއާ، އެޑިއުކޭޝަން މިނިސްޓްރީއިގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސްކޫލް މެނޭޖްމަންޓާ ބައްދަލުކުރެއްވުމަށްފަހު ނައިބު ރައީސް ވަނީ، ވިލިމާލެ ހޮސްޕިޓަލަށްވެސް ޒިޔާރަތްކުރައްވާފައެވެ. އަދި ހޮސްޕިޓަލްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާ، ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކާވެސް ބައްދަލުކުރެއްވިއެވެ. އަދި އެއަށްފަހު އެމްޓީސީސީން ހިންގާ ވިލިމާލެ ފެރީ ޓަރމިނަލް ހިންގުމުގެ ކަންކަންވެސް ބައްލަވާލެއްވިއެވެ. މި ޒިޔާރަތުގަ އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.