ޚަބަރު

ބަނގުރާ ކައްކާ ސާމާނުތަކެއް އައްޑޫސިޓީން ހޯދައިފި


އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނެއްގައި ބަނގުރާ
ތައްޔާރު ކުރާ ގިނަ އަދަދެއްގެ ސާމާނުތަކެއް ހޯދައިފިއެވެ.





ފުލުހުން ވިދާޅުވީ ޕޮލިސް އިންޓެލިޖެންސާއި އައްޑޫ ސިޓީ ޕޮލިސް އަދި އައްޑޫ
ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، މިތަކެތި ފެނިފައިވަނީ އައްޑޫ
ސިޓީގެ ހިތަދޫގެ 3 ތަނަކުންކަމަށެވެ. 



މިތަކެތި ހޯދާފައި ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހާއި ޑިސެމްބަރ
މަހުގެ 02 ވަނަ ދުވަހުކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިތަކެތީގެ ތެރޭގައި
ބަނގުރާ ކައްކަން ބޭނުން ކުރާ ގޭސް އުނދުން ބަނގުރާ ރައްކާކުރުމަށް ބޭނުން ކުރާ
ރީނދޫ ހަންފަދަ ތަކެތި ހިމެނެއެވެ.





މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމަށާއި ކޮންމެ
އަހަރެއްގެވެސް އާއަހަރާއި ދިމާކޮށް ބަނގުރާގެ ގިނަ މައްސަލަތަކެއް ހުށަހެޅޭތީ
އެކަން ހުއްޓުވުމަށް ކުރިއަށްދާ މަސައްކަތެއްކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން
ވިދާޅުވީ މި އޮޕަރޭޝަން ނޮވެމްބަރ 30 އިން ފެށިގެން ޖެނުއަރީ މަހުގެ 5 ވަނަ
ދުވަހަށް ކުރިއަށް ގެންދާނެ އެވެ.





މިމައްސަލަތަކާ ގުޅިގެން މިހާތަނަށް މީހަކު
ހައްޔަރުކޮށްފައި ނުވިނަމަވެސް މިމައްސަލަތައް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން
ވިދާޅުވެއެވެ.